ނިމިދިޔަ އޯގަސްޓުމަހު ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ނޯޓިކަލް މޯލްޑިވްސްއިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނޯޓިލަސް މޯލްޑިވްސް ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،623 ޔޫއެސް ޑޮލަރު ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ 25،026 އެވެ.

އެހެންކަމުން މުވައްޒަފުންނަށް މިދިޔަމަހު އެންމެ ބޮޑުކޮށް ސާވިސް ޗާޖު ދިން ރިސޯޓެއްގެ ގޮތުގައި ނޯޓިލަސް މޯލްޑިވްސް މިވަނީ ހޮވިފައެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި މުވައްފުންނަށް ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ދަ ރިޒް ކާޓަން މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ކޮންމެ މުވައްފަކަށް، 1،352 ޔޫއެސް ޑޮލަރު ދީފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ 20،847.84 އެވެ.

އެ ތަފާސް ހިސާބުން ދައްކާގޮތުގައި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، ނުވަތަ އިތާފުށި އުޅެނީ ރިސޯޓު މި ލިސްޓުގެ ތިންވަނައިގައެވެ. އެ ރިސޯޓުން މިދިޔަ އޯގަސްޓުމަހު ކޮންމެ މުވައްޒަފަކަށް ސާވިސްގެ ގޮތުގައި ބަހާފައިވަނީ 1263 ޔޫއެސް ޑޮލަރެވެ. މިއީ 19،475 ދިވެހި ރުފިޔާއެވެ.

ސާވިސް ޗާޖް ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އޯގަސްޓްމަހު އެންމެ ކުޑަ ސާވިސް ޗާޖެއް ދީފައިވަނީ ކަނުހުރާ ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 245 ޔޫއެސް ޑޮލަރެވެ. މިއީ 3،777 ދިވެހި ރުފިޔާއެވެ.

ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމުގައި ތަފާތުކުރުން ތަކެއް ގެންގުޅޭކަމުގެ ޝަކުވާއާ މުވައްޒަފުންނަށް ހަމައަށް ސާވިސް ޗާޖު ނުދޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް އިވޭ އަޑެކެވެ.

ގާނޫނު ބުނާ ގޮތުން މުވައްޒަފުންނަށް ސާވިސް ޗާޖު ނުދީ ހިފަހައްޓައިފިނަމަ ވަޒީފާ ދިން ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ވަނީ ލިބިފައެވެ.