ކާބުލް (ފެބްރުއަރީ 24) : އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިން ކީރިތި ޤުރްއާނުގެ ކޮޕީތަކެއް އެންދި ޖަރީމާއާ ދެކޮޅަށް މީގެ ތިން ދުވަސްކުރިން މުޒާހަރާކުރަމުން ގެންދާ މީހުންގެ ގަޔަށް ބަޑިޖެހުމާ ގުޅިގެން އަށް މީހުން މަރުވެއްޖެ އެވެ.

މި މުޒާހަރާތަކުގެ ތެރޭން އެންމެ ބޮޑަށް ހޫނުވެ ކޮންޓަރޯލުން ނެއްޓީ އަފްޣާނިސްތާނުގެ ދެ ސްޓޭޓް ކަމަށްވާ ބްރާވްން އާއި ނަންގްހާރުގައި ކުރިޔަށް ދިޔަ މުޒާހަރާތައް ކަމަށް ޚަބަރު ލިބެ އެވެ. މުޒާހަރާތައް ހޫނުވެ ރުޅިއައިސްފައިވާ މީހުން ކޮންޓްރޯލް ނުވެ، އެމީހުން ތަކެއްޗަށް ގެއްލުންދޭން ފެށުމުން ބަޑިޖަހަން ޖެހުނީ ކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެ އެވެ.

އެމެރިކާ ސިފައިން ކީރިތި ޤުރްއާނުގެ ކޮޕީތަކެއް އެންދި ޖަރީމާއާ ދެކޮޅަށް ކާބުލްގައާއި އަފްޣާނިސްތާނުގެ އެހެން ކަންކޮޅުތަކުގައި ލައްކައަކަށް ވުރެ ގިނަ މީހުން މުޒަހަރާކުރި އިރު ބައެއް މުޒާހަރާތަކަކީ ސުލްޙަވެރިނޫން މުޒާހަރާތަކެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މުޒާހަރާކުރި ބައެއްމީހުން ކާބުލްގެ އިރުމަތީގައިވާ އެމެރިކާގެ ބަގްރާމް ޢަސްކަރީ ބޭހަށް އޮއްގަލާއި ސާޅަނގައާއި ތޫނު ދަގަނޑާއި ޕެޓްރޯލް ބޮމުން ޙަމަލާތައް ދިން ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
މުޒާހަރާކުރި އަފްޣާން ރައްޔިތުން ވަނީ ކީރިތި ޤުރްއާނަށް އިހާނާތްކުރި ނޭޓޯ ސިފައިން އަފްޣާނިސްތާނުގެ ކޯޓުތަކަށް ޙާޒިރުކޮށް އަދަބު ދިނުމަށް ގޮވާލާފަ އެވެ. ކީރިތި ޤުރްއާނަށް އިހާނާތް ކުރުމުގެ ޢަމަލުތައް ހިންގާފައި ވަނީ ނޭޓޯ ސިފައިންގެ ތެރޭގައި ހިމެނޭ އެމެރިކާ ބައެއް ކަމަށްވާތީ އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާއާއި ރައީސް ބަރަކް އޮބާމާ ވަނީ އަފްޣާން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މުޒާހަރާކުރި މީހުން ވަނީ މިފަދަ ޖަރީމާތައް ތަކުރާރުކޮށް ހިންގާފައި ނަމެއްގައި މަޢާފަށް އެދުމުން އެކަން ޤަބޫލުނުކުރެވޭނެ ކަމަށް ބުނެ އަޑުއުފުލާފަ އެވެ.

ކީރިތި ޤުރްއާނުގެ ކޮޕީތަކަށް އެމެރިކާ ސިފައިން އިހާނާތްކުރާކަމަށް އަފްޣާން ބައެއް ޖަމްޢިއްޔާތަކުން މީގެކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެމެރިކާ ވެސް އަދި ނޭޓޯއިން ވެސް މިކަމަށް އެއްބަސްވެފައެއްނުވެ އެވެ. ނޭޓޯ އިން ވަނީ ނޭޓޯގެ ސިފައިން ކީރިތި ޤުރްއާނުގެ ކޮޕީތަކަކަށް އިހާނާތްކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ.

އެމެރިކާގެ ދިފާޢީ ވަޒީރާއި ރައީސް ބަރަކް އޮބާމާގެ އިތުރުން ކާބުލްގައި ހުންނަވާ ނޭޓޯގެ އިސް ކޮމާންޑަރު ޖެނެރަލް ޖޯން އެލީން ވިދާޅުވީ ނޭޓޯގެ ސިފައިން ކީރިތި ޤުރްއާނުގެ ކޮޕީތައް ވަރަށް އިޙްތިރާމްކުޑަ ގޮތަކަށް ނައްތާލާފައިވާ ކަމަށާއި އެއީ އެގޮތަށް ކުރެވިގެން ނުވާނެ ކަމެއް ކަމުގައެވެ.

މިފަދަކަމެއް ދެންތަކުރާރުވިޔަ ނުދޭނެ ކަމަށާ މިކަމަށް އަފްޣާން މުސްލިމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ނޭޓޯގެ ކޮމާންޑަރު ޖެނެރަލް އެލީން ވަނީ ވިދާޅުވެފައެވެ. (އަލްޖަޒީރާ)