ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލް މަޝްރޫއާ ގުޅިގެން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީމްއެމްސީ)ގެ މަންދޫބުން އެ ރަށަށް ޒިޔާރާތްކޮށްފިއެވެ.

އެ މަޝްރޫއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ގަމަށް ޒިޔާރަތް ކުރީ ޓާޓާގެ ދެ އޮންކޮލޮޖިސްޓުން (ކެންސަރަށް ހާއްސަ ޑޮކްޓަރުން)ނެވެ.

އެ ޓީމުން ވަނީ ގަމުގެ ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބަލާފައެވެ.

އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ރައީސް އިބްރާހިމް ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ އެ ދެ ބޭފުޅުން 2019 ވަނަ އަހަރު ކުރެއްވި ވިޑިއޯ ކޯލެއްގައިއެވެ.

އެ މަޝްރޫގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އަޅާނެއެވެ. އަދި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެއެވެ.

އެ ހޮސްޕިޓަލް ހުޅުވުމުން ގަމަށް މެޑިކަލް ޓުއަރިޒަމް ވެސް ތައާރަފު ވެގެންދާނެއެވެ. އަދި ރާއްޖޭގައި ތިބި ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓަރީއެއް އެކުލަވާލާނެއެވެ.

އެ މަޝްރޫގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ.

އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރާނެއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެކްސިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިންނެވެ.

އެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާ އެއްގޮތަށް، 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ ރުފިޔާވެސް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ.

ޓީއެމްސީ އަކީ އިންޑިއާގައި ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތްކޮށް، ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.

އަހަރަކު 30,000 ބަލިމީހުން ޓީއެމްސީން ފަރުވާ ހޯދައެވެ. އަދި އަހަރަކު 8،500 ބޮޑެތި އޮޕަރޭޝަންކޮށް، 5000 ބަލިމީހުންނަށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ދެއެވެ.

ރާއްޖޭގައި ކެންސަރު ބަލި ގިނަވެ، މިހާރު އަހަރަކު 400އަށް ވުރެ ގިނަ މީހުންގެ ގައިން ކެންސަރު ބަލި އަލަށް ދެނެގަނެވެއެވެ.

ރާއްޖެއިން މީހުން މަރުވާ ސަބަބުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ކެންސަރު ބަލީގެ ސަބަބުންނެވެ.