05 Sep 2021, 16:04
އަމާޒަކީ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދިން އިރު ބައެއް މީހުންނަށް އިތުރަށް ދެވުނު ފައިސާ މި ހަފްތާ ތެރޭގައި އަނބުރާ ހޯދައި ނިންމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.
ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުގެ މުސާރައަށް އިތުރަށް ޖަމާވި ބައި ހޯދިފައި ނުވާ ކަން ފާހަގަކުރެއްވިއެވެ.
"އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދަނީ. އަޅުގަނޑުމެންގެ ޓާގެޓަކީ މި ހަފްތާގެ ނިޔަލަށް އިތުރަށް ޖަމާކުރެވުނު ހުރިހާ ފައިސާއެއް އަނބުރާ ނެގުން،" ފިނޭންސްގެ އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް ޖަމާވި ބައި އަނބުރާ ހޯދުމުގެ މަސައްކަތުގައި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަން އޮފިޝަލު ފާހަގަކުރެއްވިއެވެ.
ފިނޭންސުން މީގެ ކުރިން ބުނީ މައްސަލަ ދިމާވީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ މައްސަލަ ފާހަގަ ކުރެވުމާއެކު ފިނޭންސުން ވަނީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މީގެ އިތުރުން މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރައާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ރާވާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.