05 Sep 2021, 15:50
ސެންޑިއޭގޯ (ސެޕްޓެމްބަރު 5): މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ އަސްކަރީ ހެލިކަޕްޓަރެއް ޕެސިފިކް ކަނޑަށް ވެއްޓުނު ހާދިސާގައި ގެއްލުނު ފަސް މީހުން މަރުވެފައިވާކަން އެމެރިކާގެ ކަނޑުގެ ސިފައިން ހާމަކޮށްފިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕެސިފިކް ފްލީޓުން ބުނިގޮތުގައި މިދިޔަ އަންގާރަ ދުވަހު ވެއްޓުނު އެމްއެޗް 60އެސް މަރުކާގެ ހަނގުރާމަމަތީ ހެލިކޮޕްޓަރުން ދަތުރުކުރި 5 މީހުން ގެއްލުމުން އެމީހުން ހޯދުމަށް ކުރި މަަަސައްކަތުން އެމީހުން ނުފެނުމުން އެމީހުން މަރުވިކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމީހުންގެ ހަށިތައް ހޯދުމަށް ކުރާ މަސައްކަތްތަކުން މިހާތަނަށް ނަތީޖާއެއް ފެނިފައި ނުވި ނަމަވެސް ހަށިތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާނެ ކަމުގައެވެ. މި ހާދިސާގެ ސަބަބު ހޯދުމުގެ ތަހުގީގުވެސް ފަށާފައިވާކަން ޕެސިފިކް ފްލީޓުން ބުނެއެވެ.
ޕެސިފިކް ފްލީޓުން ނެރުނު ބަޔާނެއް ބުނާގޮތުގައި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ޑިއޭގޯ އައްސޭރި ފަށުން 60 ނޯޓިކަލް މޭލު ބޭރަށް ކަނޑަށެވެ. އެ ހެލިކޮޕްޓަރު ނައްޓާލީ ސެން ޑިއޭގޯ އާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ބޭރުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްކަމަށްވާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" އިންނެވެ.
ވެއްޓުނު ހެލިކޮޕްޓަރުން ދަތުރުކުރި ފަސް މީހުން ހޯދުމަށްޓަކައި އެމެރިކާގެ ޕެސިފިކް ލަޝްކަރުން ވަނީ ފާއިތުވި ފަސް ދުވަހު އެހިސާބުގެ ވަށައިގެން ކަނޑުގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައެވެ. ނަމަވެސް އެމީހުންގެ ހިލަމެއްވެސް ވެފައެއް ނުވެއެވެ.
މި ފަސް މީހުން މަރުވެފައިވާކަމަށް ޕެންޓަގަން އިން ނިންމުމާއެކު އެެމެރިކާގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް މާކް ގިލްޑާއި ވަނީ މިހާދިސާގައި މަރުވި އެމެރިކާ ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.