05 Sep 2021, 15:23
ގުރޭޑް އެކެއްގެ ގުރުއާން ފޮތުގައި ނުބައިކޮށް ލިޔެވިފައިވާ އާޔަތް ހިމެނޭ ސަފުހާ އިސްލާހުކޮށް، އެ ސަފުހާ ދަރިވަރުންގެ ފޮތުގައި ތަތްކޮށްދޭން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން އެދިއްޖެއެވެ.
އެ ފޮތް ޝާއިއު ކުރި އެންއައިއީ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ތަދުރީސުލް ޤުރުއާން ގުރޭޑް އެކެއްގެ ތިން ވަނަ ޗާޕުގެ ދެވަނަ ޔުނިޓްގެ 64 ވަނަ ސަފްހާގައިވާ ކުށް އިސަލާހުކުރުމަށް މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ކީރިތި ގުރުއާނުގައި ވާގޮތަށް ނަބާ ސޫރަތް ކިޔަވައިދިނުމަށް އެންއައިއީގެ ސާކިއުލާގައި ބުނެފައިވެއެވެ.
ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ލިޔެވިފައި ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.
މީގެ އިތުރުން ކުރީގައި އެކުލަވާލާފައިވާ ބައެއް އެހެން ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ވެސް ކުށް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އެންއައިއީއިން ބުންޏެވެ.
އެހެންކަމުން އެފަދަ ކުށްތަކާއެކު ފޮތްތައް ޝާއިއު ކުރެވުނު ގޮތް ބަލައި، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ފޮތް އެކުލަވާލުމުގެ ހަކަރާތްތަކަށް އެންއައިއީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މީގެ އިތުރުން އެންއައިއީގެ ބޭފުޅުން ނުހިމެނި، މިނިވަން، ފަންނީ މީހުން ހިމެނޭގޮތަށް އިސްލާމް އަދި ގުރުއާން މާއްދާގެ ހުރިހާ ފޮތްތައް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.
އެ މަސައްކަތުގެ ތެރެއިން ކުށެއް ފާހަގަ ވެއްޖެ ނަމަ، އެކަން އިސްލާހު ކުރުމަށް ސްކޫލްތަކަށް އިރުޝާދު ދެމުން ދާނެ ކަމަށް އެ އިންސްޓިޓިއުޓްގެ ސާކިއުލާގައި ބުންޏެވެ.
ގްރޭޑް އެކެއްގެ ގުރުއާން ފޮތާއި އެހެން ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތުގައިވާ ގުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ނުވަތަ އުނި އިތުރު ވެފައިވާކަން ފާހަގަވެ، އެ މައްސަލަ ފެންމަތިވީ އިއްޔެއެވެ.