05 Sep 2021, 14:15
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އަބަދުވެސް ތާއީދުކުރަނީ ރިޔާސީ ނިޒާމަކަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން އެހެން ބުނީ އެމްއާރްއެމް އާއި އަދާލަތު ޕާޓީން ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނަގަން ތާއީދު ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓި ފިޔަވައި އަދާލާތު ޕާޓީ އާއި އެމްއާރްއެމްއިން ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރިޔާސީ އިންތިހާބު ދުވަސްވަރު އެއްބަސްވި ކަމަށާއި އެ ޕާޓީތަކުން އެކަމަށް އިންކާރު ނުކުރާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިކަމަށް ރައްދުދެއްވައި އެމްއާރްއެމްއިން ކުރި ޓްވީޓެއްގައި ބުނީ ރިޔާސީ ނިޒާމު ނޫން އެއްވެސް ނިޒާމަކަށް ތާއީދު ކުރުމަށް އެ ޕާޓީން އެއްވެސް އިރެއްގައި ނިންމާފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވެފައިވެސް ނުވާނެ ކަމަށެވެ.
އެމްއާރްއެމުން ނިޒާމީ އިންތިހާބު ބޭއްވުމަށް އެއްބަސްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތް ކަމަށާއި ރިޔާސީ ނިޒާމު ރައްޔިތުން ހޮވީ ބޮޑު އަގުލަބިއްޔަތަކުން ކަމަށް ވިދާޅުވެފައެވެ.