05 Sep 2021, 12:54
ކޯޓުތަކުގެ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ ތަފާތު ވާހަކަތައް ދައްކަނީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވަންކަމަށް އަދާލާތު ޕާޓީން ބުނެފިއެވެ.
ކުރީގެ ފަނޑިޔާރުންނާއި، ވަކީލުންގެ ފަރާތުން އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ނޫސްވެރިންގެ ބަޔާނުގައި ވަނީ ފަނޑިޔާރުންގެ އަބުރަށް އަރައިގަތުމަކީ އަދުލު އިންސާފަށް ހުރަސްއެޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.
ހަމައެއާއެކު އެއީ އަމިއްލަ ޒާތީ މަންފާތަކެއް ހާސިލްކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފައެވެ.
"ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައުއެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއްކަމުގައި ވެސް މި ޕާޓީން ދެކެން،" ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން އަދާލަތުން ވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ ދައުލަތުގެ މާލިއްޔަތުން ވައްކަންކޮށްފައިވާ ފަރާތްތަކުން އެކަމުން ސަލާމަތްވުމަށް ބޭނުންކުރާ ކަމެއްގެ ގޮތުގައި ވެސް ތުހުމަތުކޮށްފައެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް ވެސް އަދާލަތުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ.
އެގޮތުން އެމަނިކުފާނަށް ގާޒީން ހުކުމްކޮށްފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށްވެސް އެ ބައްދަލުވުމުގައި ވާހަކަދެއްކެވި ފަނޑިޔާރުން ތުހުމަތު ކުރެއްވިއެވެ.