05 Sep 2021, 13:48
ކާބުލް (ސެޕްޓެމްބަރު 5) : ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ މޭޖާ ޖެނެރަލް ފާއިޒް ހަމީދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ.
ހަމީދުގެ ދަތުރުފުޅުގެ ބޭނުމަކީ ތާލިބާނުން އަފްޣާނިސްތާނުގައި އެކުލަވާލަން މަސައްކަތްކުރާ ސަރުކާރުގެ އޮނިގަނޑާ ބެހޭ ގޮތުން ތާލިބާނުންނާ އަދި އަފްޣާން ސިޔާސީ އިސްފަރާތްތަކާ މަޝްވަރާ ކުރައްވައި މިކަމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނަކީ ވަރަށް ކުރީއްސުރެ ތާލިބާނުންނާ ގުޅުންތައް އޮންނަ ގައުމެކެވެ. އަދި އަފްޣާނިސްތާނުގެ ކުރީގެ ސިޔާސީ އިސްފަރާތްތައް ކަމަށްވާ ކުރީގެ ރައީސް ހާމިދު ކަރުޒާއި އާއި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ އަބްދުﷲ އާއި ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ގުލްބައްދީން ހިކުމަތުޔާރު އާވެސް ގުޅުންތައް ރަނގަޅު ގައުމެކެވެ.
އަފްޣާނިސްތާނުގައި އެކުލަވާލުމަށް މަސައްކަތް ކުރަނީ އެގައުމުގެ ހުރިހާ ނަސްލުތަކަކާއި ދީންތަކެއްގެ މީހުން ތަމްސީލުކުރާ ފަރާތްތައް ބައިވެރިކޮށްގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް ތާލިބާނުން ބުނެއެވެ. ނަމަވެސް ކެބިނެޓްގައި ބައިވެރި ކުރާނެ ފަރާތްތަކާމެދު ތާލިބާނުންނާއި އެނޫން ފަރާތްތަކުގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އަދި ތާލިބާނުންގެ ތެރޭގައިވެސް ދެބަސްވުންތަކެއް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނަށްވެސް އެންމެ މަސްލަހަތު ބޮޑުގޮތަކީ އަފްޣާނިސްތާނުގައި އުފައްދާ ސަރުކާރަކީ އެގައުމުގެ ހުރިހާ ފަރާތްތަކެއްގެ ރުހުމާއި ބައިވެރިވުން އޮންނަ ސަރުކާރަކަށް ހަދައިގެން އަފްޣާނިސްތާނަށް ސުލްހަ ގެނައުންކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ޕާކިސްތާނުގައި ތިބި އަފްޣާން ރެފިއުޖީން އެނބުރި ގައުމަށް ދިޔުމަށް މަގުފަހިވެގެންދާނީ މިގޮތުގެ މަތިން އަފްޣާނިސްތާނަށް ހަމަޖެހުން ލިބިގެންކަން ޕާކިސްތާން ދެކެއެވެ.
އަފްޣާނިސްތާން އަލުން ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިއްޖެނަމަ އަފްޣާން އިތުރު ރެފިއުޖީން ޕާކިސްތާނަށް އަންނާނެކަމުގެ ބިރާއި އަލްގާއިދާއާއި އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކުގެ ނުރައްކާވެސް ޕާކިސްތާނަށް ކުރިމަތިވާނެކަމުގެ ކަންބޮޑުވުން ޕާކިސްތާނުން އިހްސާސް ކުރެއެވެ. އަދި ތާލިބާނުން މެދުމިނުގެ ސިޔާސަތެއް ގެންގުޅެން ފަށައިފިނަމަ ތާލިބާނުންގެ ނަމުގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ނުރައްކާވެސް ކުޑަވެގެންދާނެކަމުގެ އުންމީދު ޕާކިސްތާނުން ކުރެއެވެ.
ޕާކިސްތާނުގެ ޖާސޫސީ އިދާރާއަކީ އެގައުމުގެ އެންމެ ބާރުގަދަ އެއް މުއައްސަސާއެވެ. ޕާކިސްތާނުގެ ޑީޕް ސްޓޭޓްގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ އެންމެ ބާރުގަދަ ދެ މުއައްސަސާއަކީ ސިފައިންގެ މުއައްސަސާއާއި ޖާސޫސީ އިދާރާއެވެ.