އަންނަ އާދީއްތަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، އައްޑޫއަށް ވަޑައިނުގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ. ވަހީދަށް އިލްތިމާސް ކުރައްވައިފި އެވެ.~

ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު ފުރަތަމަ ފަހަރަށް އައްޑޫ ސިޓީއަށް ވަޑައިގެން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޑރ. ވަހީދު އައްޑޫއަށް ވަޑައިގަތުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި، އައްޑޫ ރައްޔިތުންގެ އުންމީދުތަކަށް ފުރަގަސްދެއްވުމަށްފަހު އައްޑޫއަށް ވަޑައިނުގަތުމަށް ރައީސް ޑރ. ވަހީދު އަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އައްޑޫ ސިޓީއަށް ވަޑައިގަތުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށް އަޅުގަނޑަށް ޑރ. ވަހީދުގެ އަރިހުގައި ދަންނަވަން ޖެހިއްޖެ. އަޅުގަނޑު އިޚުލާސްތެރިކަމާއި އެކުގައި ވަހީދުގެ އަރިހުން އެދެން އައްޑޫ ސިޓީއަށް ވަޑައިނުގަންނަވައްޗޭ. އައްޑޫގެ ރައްޔިތުންގެ އުންމީދުތަކަށް ފުރަގަސް ދިނުމަށްފަހު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ނޫން އެހެން އެއްވެސް ގާނޫނީ ބާރެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ދުވަހު ރައީސް ޑރ. ވަހީދު މަޖިލީހަށް ވަދެވަޑައި ނުގަތުމަށްވެސް އިލްތިމާސް ކުރައްވާކަމަށެވެ. އަދި ވިދާޅުވީ މަޖިލީސް ހުޅުވާ ދުވަހު ރައީސް ޑރ. ވަހީދު މަޖިލީހަށް ވަޑައިގަތުމަށް އުޅުއްވަނީ މަޖިލީސް ތަޢައްޔަރުކުރަން ކަމަށާއި ރައީސް ޑރ. ވަހީދު މަޖިލީހަށް ވަދެވަޑައިގެންފިނަމަ، އެވަގުތުން ފެށިގެން ގާނޫނު އަސާސީގެ ހުރިހާ ބާރެއް ނެތިގެންދާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް ނޫނީ ގާނޫނީ ބާރެއް މިވަގުތު ރާއްޖެއަކު ނެތް. އަޅުގަނޑު ޑރ. ވަހީދަށް ދަންނަވާލަން ބޭނުންވަނީ މަޖިލީސް ތަޢައްޔަރު ކުރެއްވުމަށް މަޖިލީހަށް ވަޑައިނުގަންނަވާށޭ. ޑރ. ވަހީދު މަޖިލީހަށް ވަދެވަޑައިގެންފިނަމަ، އެވަގުތުން ފެށިގެން ގާނޫނު އަސާސީގެ ހުރިހާ ބާރެއް ނެތިގެން ހިނގައިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން ބަދަލުކޮށްފައިވަނީ ގަދަކަމުން މަޖުބޫރުކޮށްގެން ކަމަށް އެމަނިކުވާނު ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ. ވިދާޅުވީ މަޖުބޫރުކޮށްގެން ވެރިކަމުން ވައްޓާލިއަސް އަލުން އެ މަނިކުފާނު ރާއްޖޭގެ ރައީސް ކަމާއި ހަވާލުވެ ވަޑައިގަންނަވާނެ ކަމަށާއި އެ ވެރިކަމެއްގައި ރާއްޖޭގެ ނާއިބު ރައީސަކަށް ހުންނަވާނީ އައްޑޫ ބޭފުޅެއް ކަމަށެވެ. ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ކޮންބޭފުޅެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވީ އެބޭފުޅަކު ވެގެންދާނީ ބަޢާވާތް ނުކުރާ، ރައްޔިތުންނަށް ތެދުވެރިވެ ރައްޔިތުންދެކެ ލޯބިވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އައްޑޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށް ވިދާޅުވެ އެކަންތައްތަކުގެ ތަފްސީލު ވެސް ރައީސް ނަޝީދު ވަނީ މިރޭގެ ޖަލްސާގައި ހާމަކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ދެން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ދުވަހަކު އައްޑޫގެ ހުރިހާ މަގެއް ހަދައި، ބައިނަލް އަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައި މަތީތައުލީމް ދެވޭނެގޮތްތަކާއި ދަތުރުފަތުރުގެ ފުރިހަމަ ނިޒާމެއް އެކަށައަޅައި އޭގެ މަންފާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނު ދެކޭ ހުވަފެނެއްކަމަށެވެ.

ވެރިކަމަށް ވަޑައިގަންނަވަނީ ވެރިކަމުގެ ލައްޒަތާއި ޖާހަތާއި، ވެރިކަމުގެ އަމރާމުގެ ބޭނުމުގައި ނޫންކަމަށާއި އެމްޑީޕީން ބޭނުންވަނީ ދަރީންނާއި ދަރީންނަށް ޓަކައި ރާއްޖޭގެ ރަށްތައް ތަރައްގީ ކުރައްގީ ކުރުންކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތެއް ނޫން. ވެރިކަމުގެ އަރާމެއް ނޫން. އޭގެ ފޮނި މޭވާއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ޓަކައި އަޅުގަނޑުމެންގެ ރަށްތަކުގެ ތަރައްގީ،" ނަޝީދު ވިދާޅުވި އެވެ.