05 Sep 2021, 12:30
ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް ލައިފިއެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު "ސަން" އަށް ވިދާޅުވީ، ޕޮޒިޓިވްވި މީހާ ރަށަށް ގޮސްފައި ވަނީ ގާތްގަނޑަކަށް މީގެ ހަތްފާއެއް ކުރިން، ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ކަމަށެވެ.
އެހެން ނަމަވެސް އަލާމާތްތަކެއް ފެނުމާއެކު ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން ކޮވިޑަށް ޕޮޒިޓްވްވީ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
ޕޮޒިޓިވްވީ އުމުރުން 50 އަހަރުން މަތީގެ މީހެއް ނަމަވެސް، އެއީ ހައިރިސްކް މީހެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސްރުﷲ ފާހަގަ ކުރެއްވި ގޮތުގައި ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ގާތްގަނޑަކަށް 25 މީހުންގެ ސާމްޕަލް ނަގާފައިވެއެވެ. އަދި އެ ޓެސްޓުތަކުގެ ނަތީޖާ މާދަމާ ލިބޭނެއެވެ.
ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ދެ ފަރާތެއް މިވަގުތު ޕޮޒިޓިވް ވެފައި އެބަ ތިއްބެވެ. އެއީ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި ދެމީހުންނެވެ. އެހެންކަމުން ފަރެސްމާތޮޑާގައި ޖުމްލަ ތިން މީހުން މިވަގުތު ޕޮޒިޓިވްވެފައި އެބަތިއްބެވެ.
މިކަމާ ގުޅިގެން އެރަށުގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދެއެވެ.
ނަސްރުﷲ ފާހަގަކުރެއްވި ގޮތުގައި އެރަށުން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ މަދު ބަޔެކެވެ.
މިއީ ފަރެސްމާތޮޑާ މޮނިޓަރިންއަށް ލީ ދެވަނަ ފަހަރެވެ. އެގޮތުން މީގެ ދެ މަސް ކުރިންވެސް އެ ރަށް މޮނިޓަރިން އަށް ލާފައިވެއެވެ.