05 Sep 2021, 11:47
ދަައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި ހުރި މައްސަލަތައް ފާހަގަކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރިސްކް އެސެސްމެންޓެއް އެކުލަވާލައިފިއެވެ.
އޭސީސީން އެކުލަވާލައިފައިވާ ރިޕޯޓުގައި ވަނީ ދައުލަތުގެ މަޝްރޫއުތަކާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ދިނުމާ ބެހޭ ގޮތުން، ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަންކަން ފާހަގަކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށްފައެވެ.
އޭސީސީން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ރަައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ ސެޓްލްމެންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނޭ ވަކި މިންގަނޑެއް ނުވަތަ ރިއާޔަތް ކުރާނޭ ވަކި ކަންތައްތަކެއް އެ ކޮމިޓީން އަމަލު ކުރާ އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުން ހިމެނެއެވެ. އޭގެ ސަބަބުން އެކި މައްސަލަ އެކިގޮތަށް ނިންމުމުގެ ފުރުސަތު ނުވަތަ ކޮމިޓީއިން އެއިރަކު ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރުސަތު އޮތް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީން އިތުރަށް ފާހަަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުންފުންޏަކާ ހަވާލުކުރެވޭ މަސައްކަތަކީ އެ ކުންފުންޏެއްގެ އިހްތިޞާޞްގައި ހިމެނޭ މަސައްކަތެއްކަން ޔަގީން ކުރުމެއްނެތި މަސައްކަތް ހަވާލުކުރުމާއި ދައުލަތުން މަޝްރޫއުތަކާ ގުޅިގެން އެއްބަސްވުން ހަދާއިރު، ދައުލަތަށް އެންމެ ފައިދާވާގޮތް ނޫން ގޮތްގޮތަށް ބައެއް އެއްބަސްވުންތައް ހަދާ މައްސަލަ ހިމެނެއެވެ. އަދި މަަޝްރޫއުތައް ހަވާލު ކުރާ އިރު ދެވޭ ސަބްސިޑީ ދިނުމުގައި ރިއާޔަތްކުރާނެ އެއްވެސް ގައިޑްލައިނެއް ނުވަތަ މިންތަކެއް ނެތުމުން ވަކި ހަމައެއް ނެތި ސަބްސިޑީ ކަނޑާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ދައުލަތުން މަޝްރޫއުތަކާ ގުޅިގެން ވެފައިވާ އެއްބަސް ވުންތައް ތަންފީޒުވަމުންދާ މިންވަރާއި ފުރިހަމައަށް އަމަލުކުރާ މިންވަރު ހަރުދަނާ އުސޫލެއްގެ މަތިން ބަލަހައްޓަމުން ނުދާ މައްސަލަ ވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އަދި ގެއްލުމުގެ އަގު ކުރުމުގެ ގޮތުން ހަދަން ޖެހޭ އެސެސްމެންޓް ނުހަދާ، އެސެސްމެންޓް ހެދުމަށް ބޭނުންވާނެ ގައިޑްލައިނެއްވެސް ހަދާފައި ނެތް އިރު، ގެެއްލުމެއް ލިބިދާނެކަމަށް ލިޔުމުން އަންދާޒާ ނުކުރާކަން ވެސް އޭސީސީން ފާހަގަ ކުރިއެވެ.
މިފަދަ މައްސަލަތަކުގައި ހާމަކަން ބޮޑު އުސޫލަކުން ކުރެވެން އޮންނަ ކަންކަން އެބީދައިން ނުކުރުމުގެ ސަބަބުން، ފަހުން އެކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
އޭސީސީން ތައްޔާރުކޮށްފައިވާރިސްކް އެސެސްމެންޓުގައި ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސެޓްލްމެންޓް ކޮމިޓީއާ އެއްބަސްވުންތައް ހެދުމުގައި ނަޒާހަތްތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ލަފާތަކެއް ހުށަހަޅާފައެވެ.