05 Sep 2021, 10:18
ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ޕޮއިންޓެއް ހޯދައި ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕުގެ ގްރޫޕް ޑީގެ ތިން ވަނަ މަގާމު ޔޫކްރެއިންއިން ދަމަހައްޓައިފިއެވެ.
މިނަތީޖާއާއެކު ފްރާންސް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް އެއްވަރުވެފައެވެ. ނަމަވެސް ފްރާންސް އޮތީ ގްރޫޕުގެ އެއްވަނަ މަގާމުގައި ނުވަ ޕޮއިންޓާއެކުއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔޫކްރެއިންނެވެ. މެޗުގެ 44 ވަނަ މިނިޓުގައި މިލަނޑު ޖެހީ މިކޯލާ ޝަޕަރެންކޯއެވެ.
ފްރާންސްއަށް މެޗުގަ ނަތީޖާ އެއްވަރުކޮށް ދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އެންތޮނީ މާޝިއާލްއެވެ. މިގޯލާކީ 2016 ވަނަ އަހަރުގެ ފަހުން މާޝިއާލް ފްރާންސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ގްރޫޕުގެ ދެވަނަ މަގާމުގައި އޮތް ފިންލެންޑަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ފިންލެންޑާ ޔޫކްރެއިން ޕޮއިންޓުގެ ގޮތުން އެއްވަރެވެ. ފިންލެންޑަށް ދެވަނަ މަގާމު ލިބެނީ ގޯލުގެ ތަފާތުންނެވެ.
ރޭ ކުޅުނު މެޗުގައި ފިންލެންޑު ވަނީ ކަޒަކިސްތާންގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. މިމެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފޯވާޑް ޖޮއެލް ޕޮހްޖަންޕޯލްއެވެ.