24 Feb 2012, 00:22
އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) އާއި ޖަޕާން ގެ ފަރާތުން ރާއްޖެ ވަޑައިގަތްއުޅުއްވާ ވަފުދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ބައްދަލުކުރައްވައިފި އެވެ.
ވަކި ވަކިން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުންތަކުގައި ރައީސް ފުރަތަމަ ބައްދަލުކުރެއްވީ އައިޕީޔޫ ގެ ޑިރެކްޓަ އޮފް ޕްރޮގްރާމްސް މާޓިން ޗުންގޮންއާ އެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މިހާރު ހައްޔަރުކޮށްފައި ނެތް ކަމުގައި ޔަގީންކަން ޗުންގޮންއަށް ދެއްވި ކަމަށެވެ. އަދި ނިންމަން ޖެހިފައިވާ ވަރަށް މުހިންމު ގާނޫނުތަކެއް އެބަހުރި ކަމުގައި ވިދާޅުވެ އެ މަސައްކަތްތައް އަވަސްކުރަން ޖެހިފައިވާކަމައްވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ޗުންގޮންވަނީ އޭނާގެ މަސައްކަތަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިންކަން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރައްވާ ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.
މިއަދު ދެން ރައީސް ބައްދަލުކުރެއްވީ ޖަޕާންގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ކޮލަމްބޯގައި ހުންނަ ޖަޕާން އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ހިޑެކި އިޝިޒުކާއާ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި ސަރުކާރުން ހުޅުވާލާފައިވާ މަޝްވަރާގެ ދޮރުން ސިޔާސީ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ހިޑެކި އިޝިޒުކާއާ ވަނީ ޑރ.ވަހީދުގެ ސަރުކާރުން ކުރާ މަސައްކަތައް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ސަރުކާރުގެ މަގުބޫލްކަން ބޭރުގައި އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައި ކަމަށެވެ.