04 Sep 2021, 21:32
ގުރޭޑް 12ގެ އިސްލާމް ފޮތުގައި ވެސް ގުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތްކަން ހާމަވެއްޖެއެވެ.
ކުރީގެ އސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ކަމަށެވެ. އަދި އަވަސް ފުރުސަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގުރޭޑް 12ގެ އިސްލާމް ފޮތުގައި އަލްއަންފާލް ސޫރަތުގެ 74ވަނަ އާޔަތް ނިންމަައިފައިވަނީ ނުބައިކޮށްނެވެ. އެ ތަނަށް ވަނީ އިތުރު ކަލިމައެއް އިތުރު ކުރެވިފައެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ވެސް ސޫރަތެއް ނުބައިކޮށް އޮތް މައްސަލަ ފެންމަތިވެފައި ވަނިކޮށްނެވެ.

ގްރޭޑް12 ގެ އިސްލާމް ފޮތުގައިވާ ސޫރަތެއް ނުބައިކޮށް --- ސަން ފޮޓޯ
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައިގައި އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުއް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ. އެހެންކަމުން އެ ސޫރަތުގައި މެދުތެރެއަކުން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް އައިސް އޮޅިފައެވެ.
ގުރޭޑް 12ގެ ފޮތުގެ މައްސަލައާ ގުޅިގެން މިނިސްޓްރީން އެއްވެސް އެެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.