24 Feb 2012, 00:39
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި އިއްތިހާދުގެ ހުރިހާ ޕާޓީތަކުން އެއްބަސްވާ ގޮތަށް އެއް ކެނޑިޑޭޓަކު ނެރެފިނަމަ ކާމިޔާބު ކުރެވިދާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް މީޑިޔާތަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވީ ޑީއާރްޕީން އެއް ކެނޑިޑޭޓަކަށް ތާއީދުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް ހުރިހާ ޕާޓީތައް ގުޅިގެން ކެނޑިޑޭޓަކު ނުރެވިއްޖެއްނަމަ ޑީއާރްޕީން ވަކި ކެނޑިޑޭޓަކު ތިމަރަފުށީ ދާއިރާގެ މަޖިލިހުގެ ގޮނޑިއަށް ވާދަކުރުމަށް ނެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ހުރިހާ ފަރާތްތަކަކަށް ގުޅިގެން ކެނޑިޑޭޓަކު ނެރެވޭ ގޮތް ނުވެއްޖެއްޔާ ޑީއާރްޕީން ވެސް ކެނޑިޑޭޓަކު ނެރުމަކީ އެކަށީގެންވާކަމެއް. އަދި ނުކުމެ ވަޑައިގެންނަވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމަކީވެސް އެކަށީގެން ވާކަމެއް. އެކަން ނިންމާނީ ޑީއާރްޕީގެ ކައުންސިލުން،" ތަސްމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު އެ ޕާޓިން އެ ފުރުސަތު ހުޅުވާލުމުގެ ކުރިން އެކަމާ ޑީއާރްޕީއާއި އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ތަސްމީން ވިދާޅުވީ އަދި ޕީޕީއެމުން އެކަމާ ގުޅޭ މަޝްވަރާ ނުކުރިނަމަވެސް އެކަމަށް އަދި ފުރުސަތު ގެއްލިގެން ނުދާކަމަށާއި އެކަމާމެދު މަޝްވަރާ ކުރަށްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ތަސްމީނު ވިދާޅުވި އިއްތިހާދުގެ ހުރިހާ ޕާޓީތަށް ގުޅިގެން ކެންޑިޑޭޓަކު ނެރޭނަމަ ވަކި ޕާޓީއަކަށް ނިސްބަތްވާ ގޮތަށް ކެނޑިޑޭޓަކު ނެރުމަކީ ހަމަޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ހަމަޖެހިގެން ދާންވާނީ އެނޫން ގޮތަކަށް ކަމަށެވެ.
"ހުރިހާ ފަރާތަކަށް އެއްކެނޑިޑޭޓަކަށް އެއްބަސް ވެވިއްޖެއްޔާމު އެކަމުގައި އަޅުގަނޑުމެން މިތިބީ ކުރިޔަށް ދާން" ތަސްމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާގެ ގޮނޑި މިދިޔަ ހޯމަ ދުވަހު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވުމާއެކު އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
އެ ޕާޓީން އިއްޔެ އާއްމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަން ކޮމިޝަނުން އެކަމަށް އިއުލާން ކުރުމާ އެކު އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލުމަށް އެ ޕާޓީގެ ފަރާތުން ބޭއްވި ބައި-އިލެކްޝަން ކޮމެޓީގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރާނެކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކޮށްފައިވަނީ ހަމައެކަނި ޕީޕީއެމުންނެވެ.