ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކަކީ ސައްޙަ އޯޑީއޯތަކެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމުގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ހުކުމްކުރެއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ގާޒީންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ ލީކުކޮށްލި އޯޑިއޯ ތަކުގައި ހިމެނޭ ޝެއިޚް އަލީ އާދަމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އޭނާ އާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށެވެ.

"އޭގެ ތެރެއިން އެއްބޭފުޅަކީ ޝެއިޚް އަލީ އާދަމް. އޭނާ އަކީ 1990ގެ އަހަރު ތަކުން ފެށިގެން އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް. އެހެންވީމަ އެބޭފުޅާގެ އަޑު އަޅުގަނޑަކަށް ނޯޅޭނެ. މި ދައްކަނީ 20 އަހަރު އެކުގައި މަސައްކަތްކުރި މީހެއްގެ ވާހަކަ. ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން އެއީ ޝެއިޚް އަލީ އާދަމްގެ އަޑު. އެނޫން ބޭފުޅެއްގެ އަޑެއް ނޫން އެއީކީ،" ސުޖާއު ވިދާޅުވިއެވެ.

ސެޕްޓެމްބަރ 4، 2021: ކުރީގެ ފަނޑިޔާރުކަން ކުރި މީހުންނާއި ލޯޔަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޖާއު އުސްމާން ވިދާޅުވީ ފުލުހުން، އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކޮށްފިނަމަ އެއީ ސައްހަ އޯޑިއޯތަކެއްކަން ޔަގީން ކުރެވޭނެ ކަަމަށެވެ. ނަމަވެސް މީޑިއާތަކަށް އޮޅުވާލުމުމުގެ ގޮތުން އެއްވެސް އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ބުނެ ދޮގުހަދާނެ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވެރިފައި ކޮށްފަ ބުނާނެ އެއީ އެބޭފުޅުންގެ އަޑޭ. ނަމަވެސް މީޑިއާ ތަކަށް ދޭނީ އެބޭފުޅުންގެ އަޑު ނޫންކަމަށް،" ސުޖާއު ވިދާޅުވިއެވެ.

ކުރީގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ އޯޑިއޯ ތަކުގައި ހިމެނޭ ގާޒީ ސަމީރަކީވެސް އޭނާ އާ އެއްކުލާހެއްގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އުމުރުން 13 އަހަރުގައި ގްރެޖުއޭޓްވީވެސް ދެމީހުން އެކުގައިކަމަށެވެ.

ސުޖާއު ވިދާޅުވީ އެތައް އަހަރެއް ވަންދެން އެކުގައި އުޅުއްވި އެހާމެ، ގާތް އެކުވެރިއެއްގެ އަޑު އޭނާއަށް އޮޅުވާލުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އެހެންކަމުން އޯޑިއޯގައި އެ އިވެނީ ސަމީރުގެ އަޑުކަން ކަށަވަރުވާ ކަމަށެވެ.

"ދެވަނަ ބޭފުޅަކީ ގާޒީ ސަމީރު. ސަމީރަކީ މައުހަދުން އަޅުގަނޑާއެކު އެއްކުލާހެއްގަ އުޅުއްވި ބޭފުޅެއް. އުމުރުން ތޭރަ ސާދަ އަހަރުގަ އަޅުގަނޑުމެން ގްރެޖުއޭޓް ވީވެސް އެއްފަހަރާ. ވަރަށް ގިނަ އަހަރު ތަކެއްގަ އެއްކޮށް މަސައްކަތް ކުރެވުނު. އެހެންވީމަ އެބޭފުޅާގެ އަޑުވެސް އަޅުގަނޑަކަށް ނޯޅޭނެ. އަޅުގަނޑަށް ޔަގީންކޮށް ދަންވަން ކެރޭ އެއީ ސަމީރުގެ އަޑުކަން،" ސުޖާއު ވިދާޅުވިއެވެ.

މި އޯޑިއޯތަކުގެ މައްސަލައިގައި އޯޑިއޯ ލީކުވި ތިން ގާޒީން ވެސް ވަނީ އެ އޯޑިއޯތަކުގައި ވަނީ އެ ބޭފުޅުންގެ އަމިއްލަ އަޑުކަމަށް އިންކާރުކުރައްވާފައެވެ. އެ އޯޑިއޯތަކާ ގުޅިގެން ތިން ގާޒީންގެ އަޑުގެ ސާމްޕަލް ވެސް ފުލުހުން ވަނީ ނަގައިފިއެވެ.