04 Sep 2021, 19:27
ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލައިގައި އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ސަމާލުކަމަށް އައުމާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އަދި ނުބައިކޮށް ލިޔެވިފައިވާ ސަފްހާ ބަދަލުކުރުމަށް ކަން ކުރަންވީ ގޮތުގެ ތަފްސީލް ވެސް ސްކޫލްތަކަށް ހިއްސާކޮށްފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އެކަން އަންގަވަމުން ގެންދާނެއެވެ. މި ފޮތްތަކަކީ ޕްރިންޓްކުރުމުގެ ކުރިން އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޗެކްކުރެވިފައިވާ ފޮތްތަކެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުއް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.

ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ނުބައިކޮށް ވާ ސޫރަތް -- ސަންފޮޓޯ/ ފަޔާޒު މޫސާ
އެހެންކަމުން އެ ސޫރަތުގައި މެދުތެރެއަކުން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް އައިސް އޮޅިފައެވެ.
މިކަމާ ގުޅިގެން އާންމުން އަންނަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.
އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މި މައްސަލަ ފާހަގަ ކުރައްވާ، މިއީ ވަރަށް އަވަހަށް ރަނގަޅު ކުރުން މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.