ރާއްޖެއަށް ބަދަލަކީ ބަޔަކު މީހުން ރާވައިގެން ގެނައި ބަދަލެއް ނޫން. ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައިތަގުރީރުކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް އައިސްފައިވާ ބަދަލަކީ މާތްﷲގެ ރަޙުމަތްފުޅުން އައި ބަދަލެ ކަމަށާއި އެއީ ބަޔަކު މީހުން ރާވައިގެން ގެނައި ބަދަލެއް ނޫން ކަމަށެވެ. ކުރީގެ ސަރުކާރުގެ ބައެއް ޢަމަލުތައް ހުރިގޮތުންނާއި، ރައްޔިތުންގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުކުމެ، ކުރީގެ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރަމުން ގެންދިޔަ ނަމަވެސް މިފަދަ ބަދަލެއް ގެނައުމުގެ އެއްވެސް މަޤުޞަދެއް ނެތްކަން ގަބޫލުކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިދެންނެވި އިހުތިޖާޖުތަކުގައި ޤައުމުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަމަށް އިސްކަންދީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ބާރު ނެގެހެއްޓުމުގެ ގޮތުން ހިތްވަރުގަދަ ދިވެހި ދަރިންތަކެއް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައީސެއްގެ ގޮތުގައި ޚިދުމަތް ކުރުމަށް އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގާނޫނު އަސާސީގައި ބަޔާންވެފައިވާ ގޮތަށް އިސްތިއުފާ ދެއްވުމުން ކަމަށެވެ.

"އަޅުގަނޑަށް ފުރުޞަތު ލިބިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ކުރިން ހުންނެވި ގަލޮޅު ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތަށް އިސްތިޢުފާ ދެއްވުމުގެ ސަބަބުން. ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ވެރިކަން ހަމަޖެހިގެން ދިޔަކަން އެއީ، ޞުލްޙަ މަސަލަސްކަމަށް ދިވެހިރައްޔިތުން ކުރާ ތާއީދުކަން އަޅުގަނޑު ގަބޫލުކުރަން. ލޮބުވެތި ދިވެހިރައްޔިތުންނަކީ ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ، މާތްވެގެންވާ އިސްލާމްދީނުގެ ވަހުދަތު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ، މާތް އަޚުލާޤެއްގެ ވެރި ބައެއްކަން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އެންމެންގެ ވެސް ގައުމު ކަމަށާއި މިއީ ވަކިބައެއްގެ އަދި ވަކި ކުލައަކަށް ތަބާވާ ބައެއްގެ ޤައުމެއް ނޫން ކަމަށެވެ. ޤައުމުދެކެ ލޯބިވަނީވެސް ވަކި ބައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް މި ޤައުމު ދެކެ ލޯބިވަން. އެހެންކަމުން، މިޤައުމުގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަދި މިޤައުމުގެ މުސްތަޤުބަލަށްޓަކައި މަސައްކަތްކުރުމަކީ، ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު އަދާކުރަންޖެހޭ ދީނީ އަދި ޤައުމީ ވާޖިބެއް ކަމުގައި އަޅުގަޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީގޮތުން ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅުގައި، މަސައްކަތް ކުރައްވަނީ ޚިޔާލު ތަފާތުވުންތައް ދުރުކޮށް، ސިޔާސީގޮތުން އަމާން ވެއްޓެއް ރާއްޖޭގައި ޤާއިމު ކުރެވޭތޯ ކަމަށާއި އެކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވުމަށް އެމަނިކުފާނު ދައުވަތު ދެއްވާފައިވާ ކަމަށެވެ. އެކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރަމުންދާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ޔަޤީންކޮށްދީފައިވާ ދައުލަތުގެ ތިން ބާރު ހަރުދަނާކޮށް، ޖުޑީޝަރީއާއި ޝަރުޢީ ކޯޓުތަކަކީ، ދިވެހި ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިގެންވާ ތަންތަން ކަމުގައި ހެދުމަށް. މި މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި ކުރެވެން ހުރިހުރިހާ މަސައްކަތެއް އަޅުގަނޑު މިދަނީ ހުއްޓުމެއްނެތި ކުރަމުން..." ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދިފައިވާ ދަނޑިވަޅުގައި ޞުލްޙަމަސަލަސްކަން ގެނެސް، އަމަންއަމާންކަމާއި އިޖްތިމާޢީ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ޤާއިމު ކުރަން، ޤައުމުގެ ކަމުވޮށިވެގެންވާ މީހުންނާއި، ހަރުމީހުންނާއި ފުދުންތެރިންނާއި، އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި ރާއްޖެ އިޞްލާޙުގެ މަގުން ގެންދިޔުމަށްޓަކައި އެންމެންގެ ހިއްސާ ކޮންމެހެން ވެސް ބޭނުން ކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީންކަން ޔަޤީންކޮށް ދެއްވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރައްވާނީ އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއް ނެތްގޮތުގައި ހަމަހަމަކަމާއި، ޢަދުލުވެރި ކަމާއެކު ކަމަށެވެ.

"އެއްވެސް ދިވެހިރައްޔިތަކަށް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ތަރަހައިން ބޭރުން އެއްވެސް އުނިކަމެއް އަޔަނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަށް ކުރަމުން ގެންދާނެ ކަމުގައިވެސް ދަންނަވަން،" ރައީސް ވިދާޅުވި އެވެ. "ޤާނޫނުއަސާސީއާއި ޤާނޫނުގެ ހުދޫދުގެ ތެރެއިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެއްވުމަށާއި، ދިވެހިރައްޔިތުންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި، އަމާންކަންމަތީ ދިވެހި ޤައުމު ބޭއްވުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ގެންދެވުމަށް، ދިވެހިސިފައިންނާއި ދިވެހިފުލުހުންނަށް [އަޅުގަނޑު] އިލްތިމާސްކުރަން،"

ރައީސް ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް އަމުރެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ރާއްޖޭގެ އިސްތިޤުލާލަށް އުނިކަން އަންނާނެފަދަ އެއްވެސް އަމުރެއް ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ނުކުރައްވާނެ ކަމަށެވެ.

"ހިތްވަރުގަދަ ދިވެ ހިސިފައިންނާއި، ދިވެހިފުލުހުންނަށް އިޙްތިރާމް ކުރުމަށާއި، އެބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގައި، އެބޭފުޅުންނަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް [އަޅުގަނޑު] އިލްތިމާސްކުރަން. ދިވެހި ފުލުހުންނާއި ސިފައިންގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ތިޔަބޭފުޅުން ކެތްތެރިކަމާއެކު، އިންސާނީ ޙައްޤުތަކަށް ރިޢާޔަތް ކުރައްވައި ލޮބުވެތި ރައްޔިތުންނަށް އޯގާތެރިވެވަޑައިގަތުމަށް އަބަދުވެސް ސަމާލުކަން ދެއްވުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ކުރަމުން މިގެންދާ ބުރަ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސަރުކާރަށް ލިބިގެން ދިއުމަކީ ރާއްޖެ އަމާން ބަނދަރަކަށް ގެންދިއުމަށް މިކުރާ ދަތުރުގައި ހަރުދަނާކަމާއެކުގައި ދެމިތިބުމަށް ވަރަށް ބޭނުންތެރިކަމެއް. ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އާހިތްވަރަކާއެކު އަމާންކަމުގެ އައްސޭރިއަށް ރާއްޖެ ގެންދިޔުމަށް ފަށާފައިވާ މިދަތުރުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަށެވެ.

"ދިވެހި ޤައުމުގައި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ކޮންމެ ވަގުތަކު މަގުމައްޗަށް ނުކުމެ، ތަޅާފޮޅުމާއި، އަރާރުންވުމާއި މާރާމާރީ ހިންގުމާއި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ އަލިފާން ރޯކޮށް، މިބާވަތުގެ ޣައިރު ޤާނޫނީ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށް، މިބާވަތުގެ ޢަމަލުތައް ހިންގުމަށް ހިތްވަރުދީގެން ނުވާނެ. އަދި މިބާވަތުގެ ޖަރީމާތައް ހިންގުމަށް އެއްވެސް ޖާގައެއް އަޅުގަނޑު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ނުދޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.