15 Jul 2010, 11:49
14:30
މާލެތެރޭގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މީހުންގެ ގޯތިގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލުތައް ހިންގި ފަރާތްތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.
އެ އަމަލްތައް ކުށްވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީން ދީފައިވާ ހައްގުތަކާއި މިނިވަންކަމަށް ހުރަސްއެޅި، ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަކާއި ގޮވާލުންތަކުގެ ސަބަބުން ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ހިންގާ، ޢާއްމު ރައްޔިތުންނަށް، ރައްކާތެރި ދިރިއުޅުމަކަށް އޮތް ފުރުސަތު އެއްދުވަހުން އަނެއްދުވަހަށް ކުޑަވަމުންދާކަން އެ ކޮމިޝަނުން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި މިފަދަ ހަމަނުޖެހުންތަކާއި ލާއިންސާނީ ޢަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކާއި އެހެނިހެން ޒިންމާދާރު ފަރާތްތަކުން ޢަމަލުތައް ބެހެއްޓުމަކީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގައި ރައްޔިތުންނަށް ލިބެންޖެހޭ ހައްޤުތަކަށް ބުރޫއަރާ ކަމެއް ކަމަށް ވާތީ މިފަދަ ހަރަކާތްތަކުން ދުރުވެ ތިބެ، ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ އަމާން މުޖްތަމަޢުއެއް ޤާއިމްކުރެވޭނީ އަމަން ބަލަހައްޓާ ފަރާތްތަކުން، ޤާނޫންތަކާއި، ޤަވާއިދުތަކުގެ ތަރަހައިގެ ތެރެއިން އެފަރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމާއެކު ޢާއްމު ރައްޔިތުންވެސް އެފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދީގެން ކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ ނިންމުންތަކަށް އިހްތިރާމް ކޮށްގެން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ޤާނޫންތަކާ ޚިލާފް ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން، ޝަރުޢީ އުސޫލްތަކުގެ މަތިން ނޫން ގޮތަކަށް ފިޔަވަޅު ނޭޅުމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.