04 Sep 2021, 19:34
ރިހިވެލި ރިސޯޓްގެ މައްސަލަތަކުގެ ތެރެއިން ހުށަހަޅާފައިވާ ދައުވާއެއްގައި ކުރި ހުކުމް ދައުވާ ލިބޭ ފަރާތަށް ކުރިން އެނގިފައިވާ ކަމަށްބުނެ ހުކުމް އިއްވި ގާޒީ އަލީ ނަސީރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ މިހާރު އެ ރިސޯޓް ސަބްލީޒެއްގެ ދަށުން ހިންގަމުން އަންނަ "ސޭވް ދި ޑްރީމް"ގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރެެވެ.
ރިހިވެލި ރިސޯޓުގެ މައްސަލައިގައި ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމްއަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ވަނީ ހުކުމް ކޮށްފައެވެ.
ހުކުމުގައި އިތުރަށް އޮތީ ސަބްލީޒް އެގްރީމަންޓް ބާތިލު ކުރުމަށްޓަކައި މާހަލް ޓުއާސްގެ ފަރާތުން ސޭވް ދި ޑްރީމް މޯލްޑިވްސްއަށް ފޮނުވައިފައިވާ ޓާމިނޭޝަން ނޯޓިސްއަކީ ސަބްލީޒް އެގްރީމެންޓްގެ ދަށުން ފޮނުވައިފައިވާ ސައްހަ ނޯޓިސްއެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ހުކުމުގެ އަޑުއެހުން ނިމުނީ މިދިޔަ އޯގަސްޓު މަހުގެ 31ވަނަ ދުވަހުގެ 15:50ހާއިރު ކަމަށެވެ. ނަމަވެސް އެ ހުކުމާ ވިދިގެން މާލެ އަތޮޅު ދެކުނުގައި އޮންނަ ރިހިވެލި ރިސޯޓަށް ދައުވާ ލިބޭ ފަރާތުން އެރީ 16:15ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ލޯންޗެއްގައި އެ ރަަށަށް މާލެއިން ފުރައިގެން ދެވެނީ ކަނޑު މަޑު ދުވަހެއްގައި ނަމަ 45 މިނެޓުން ކަމަށެވެ.
"އެހެންވީމަ ހުކުމް ކުރުމާއި ރިހިވެއްޔަށް އަރައިގަން ގަޑިއާ ދެމެދު 45 މިނެޓު ނުވާކަން އެނގޭ. މިހެންކަމުން ކުރަން އޮތް ހުކުމެއް ދައުވާ ލިބޭ ފަރާތަށް އެނގިފައި އޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމަށް ވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދެއްވުމަށް އަޅުގަނޑުގެ މުވައްކިލު އެދޭ ވާހަކަ އަޅުގަނޑު ވާނީ ޖޭއެސްސީގައި ދަންނަވާފަ،" ނާޒިމް ވިދާޅުވިއެވެ.
އެ ހުކުމް ކުރި ދުވަހު މާހަލްއަށް ރިސޯޓްގެ ކޮންޓްރޯލް ހޯދަން އެތަަނަށް އެރި ބައެއް މީހުން، ފްރާންސްގެ އަންހެނަަކަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ "ސޭވް ދި ޑްރީމް" ކިޔާ ފްރާންސްގެ ކުންފުންޏަކުންނެވެ. އެ ކުންފުނިން މަހުންމަހަށް ކުލި ދައްކަމުން ނުދާތީ އެ ރަށުގެ ވެރިފަރާތްކަމުގައިވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަނީ އެ ރަށް ފްރާންސްގެ ކުންފުނި އަތުން އަތުލުމަށް ނިންމާފައެވެ.
މީގެ ކުރިން ވެސް މިގޮތަށް ސަބްލީޒްއަށް މި ރިސޯޓް ދޫކުރި ދެ ފަރާތެއްގެ އަތުން މާހަލް ޕްރައިވެޓް ލިިމިޓެޑުން ވަނީ މި ރަށް އަތުލައިފައެވެ.
މީގެ ކުރިން އެ ރަށް ހިންގަމުން އައި ކާސްޓަވޭ މޯލްޑިވްސްއާ އެކު މާހަލް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުން ޖެނުއަރީ 2، 2018 ގައި ބާތިލް ކުރުމަށް ފަހު އެ އަހަރުގެ ފެބްރުއަރީ 15 ގައި ސޭވް ދަ ޑްރީމާއި ހަވާލު ކުރި އެވެ. އޭރު އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމަޔަށް ސޭވް ދަ ޑްރީމަށް އެރަށް ސަބްލީސް ކުރާށެވެ.