ގައުމީ 23 އަހަރުން ދަށުގެ ޓީމު ޓްރޭނިން ކޭމްޕަށް އަތޮޅު ތެރެއަށް ފުރައިފިއެވެ. ޒުވާން ޓީމު ތައްޔާރުވަމުން އަންނަނީ އޭއެފްސީ އޭޝިއަން ކަޕު ކޮލިފައިން މެޗުތަކަށެވެ.

އަތޮޅުތެރޭގެ ކޭމްޕުގައި މެޗުތައް ކުޅެން ހަަމަޖެހިފައިވަނީ ނ. ކުޑަަފަރީ، ނ. ހޮޅުދޫ، ރ. މީދޫ، ޅ. ނައިފަރު އަދި ޅ.ހިންނަވަރު ޓީމުތަކާ ދެކޮޅަށެެވެ.

މި ޓްރޭނިންގ ކޭމްޕުގެ ބޭނުމަކީ ކޮލިފައިން މެޗުތަކުގެ ކުރިން ޓީމު ބިނާކޮށް ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅުމަށެވެ. ޓްރޭނިން ކޭޕުގައި ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ އެސިސްޓަންޓު ކޯޗުން ކަމުގައިވާ މުހައްމަދު ޝާހިދު އަދި ސޮބާހު މުހައްމަދު (ސޮބާ)އެވެ.

ޒުވާން ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ހުރީ އަލީ ސުޒޭންއެވެ. ނަމަވެސް ދާދި ފަހުން ގައުމީ ޓީމާ ސުޒޭން ހަވާލުވުމާއެކު މިހާރު ސުޒޭން ހުރީ ސީނިއާ ގައުމީ ޓިމަށް ވަގުތު ހުސްކޮށްގެންނެވެ.

ކޮލިފައިން ގްރޫޕުގައި ރާއްޖެ ހިމެނުނީ ބަހްރެއިން، އިރާގު އަދި އަފްއާނިސްތާނާ އެއް ގުރޫޕެއްގައެވެ. ކޮލިފައިން ގްރޫޕުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުޒްބަކިސްތާނުގައެވެ.