04 Sep 2021, 19:23
ކުރިއަށް އޮތް ސާޕް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމާއެކު ދިވެހި ސަޕޯޓަރުން ތިބުމަށް ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ކީޕަރު އަދި މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުހައްމަދު (އިންމަ) ގޮވާލައިފިއެވެ.
ގައުމީ ޓީމަށް 109 މެޗު ކުޅެފައިވާ އިންމަ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ރާއްޖެއިން ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކްލަބް އީގަލްސް އާއެކު 1999 ވަނަ އަހަރު ކްލަބު ކެރިއަރު ފެށި އިންމަ ވަނީ 2019 ވަނަ އަހަރުގެ ސީޒަން ނިމުމާ ހަމައަށް ދިވެހި ލީގުގައި ކުޅެފައެވެ.
ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރި ވީޑިއޯއެއްގައި އިންމަ ވަނީ 2008 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕު ބޭއްވިއިރު ސަޕޯޓަރުން ގައުމީ ޓީމަށް ދިން ސަޕޯޓު މިފަހަރުގެ މުބާރާތުގައި ވެސް ދިނުމަށް އެދިފައެވެ.
އިންމަ ބުނީ 2008 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ ފަހަތުގައި އޮތީ ދިވެހި ސަޕޯޓަރުން ކަމަށާއި ހުރިހާ ދިވެހީން ފެނުނީ ރަތް ކުލައިގައި މުޅި ގައުމު އެކީ ދިވެހި ޓީމަށް ހިތްވަރު ދެމުން ދިޔަ މަންޒަރު ކަމަށެވެ.
އިންމަގެ އެންމެ ބޮޑު އެދުމަކީ ދިވެހި ޓީމުގެ ފަހަތުގައި ހުރިހާ ދިވެހީން ތިބުމެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ މެޗުތަކުގައި ސަޕޯޓަރުން ވަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެންމެ ފަހުން ގައުމީ ޓީމު މާލޭގައި ކުޅުނު އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކުގައިވެސް ދަނޑަށް ސަޕޯޓަރުން ވަދެފައި ވަނީ ވަރަށް މަދުންނެވެ.
ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑަށް އެންމެ ގިނަ ސަޕޯޓަރުން ވަދެފައިވަނީ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައެވެ. އެފަހަރު ގަލޮޅު ދަނޑު ފުރާލީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ.