ވޮޝިންޓަން (ސެޕްޓެމްބަރު 4): ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ނިޔުކޯކަށާއި ވޮޝިންޓަނަށް ދިން ޓެރަރިސްޓް ހަމަލާތަކާބެހޭ ލިއުންތައް މުރާޖައާކުރުމަށްފަހު އެލިޔުންތައް އާންމު ކުރުމަށް އެމެރިކާގެ ކަމާބެޙޭ އިދާރާތަކަށް އަންގަވައިފި ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބައިޑެން ވިދާޅުވީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކާބެހޭ ޖާސޫސީ ރިޕޯޓްތައް އާންމު ކުރުމަށް ނިންމެވީ އެލިޔުންތައް ދެފުށްފެންނަ ގޮތެއްގެ މަތިން އާންމުކުރުމަށް ރިޔާސީ ކެންޕޭންގައި އެމެރިކާގެ ރައްޔިތުންނަށް އޭނާ ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ މަގްސަދުގައެވެ.

ބައިޑެންގެ ރިޔާސީ ވައުދެއްގެ ގޮތުގައި މިކަން ހައްދަވާފައިވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި މަރުވި އެމެރިކާ ރައްޔިތުންގެ އާއިލާތަކުން އެކަމަށް އެދި ކުރަމުން ގެންދާ އާދޭސްތަކާ ގުޅިގެންނެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކާބެހޭ ޖާސޫސީ ރިޕޯޓްތަކާއި އެފްބީއައިއެން ތަހްގީގްކުރި އެ ހަމަލާތަކާބެހޭ ލިއެކިޔުންތައް ސިއްރުކުރަމުން ގެންދާ މައްސަލަ ނިމުމަކަށް ގެނަސް އެ ހުރިހާ ލިޔެކިޔުންތައް އާންމުކުރުމަށް އެ ހަމަލާތަކުގެ ޝިކާރައަކަށްވި އެމެރިކާގެ އާއިލާތަކުން އެދެނީ އެ ހަމަލާތަކާއި ސައޫދީ ސަރުކާރާ ގުޅުން އޮންނާނެކަމަށް އެއާއިލާތަކުން ޝައްކުރާތީއެވެ.

ސެޕްޓެންބަރު 11 ގެ ހަމަލާތައް

ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގެ ޝިކާއަރަކަށްވި އާއިލާތައް ތުހުމަތުކުރާގޮތުގައި އެމެރިކާގައި ތިއްބަވާ ސައޫދީ ބައެއް ޑިޕްލޮމޭޓުންނާ އެހަމަލާތަކާ ނުސީދާ ގުޅުންތަކެއް އޮތުން އެކަށީގެންވެއެވެ. އަދި އެމެރިކާގެ ސަރުކާރުތަކުން ގެންދަނީ އެކަން ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.

މިކަން ހޯދުމުގައި އެ އާއިލާތަކުގެ ހަގީގީ މަގްސަދަކީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކާއި ސައޫދީ ބައެއް މަސްއޫލުވެރިންނާ ގުޅުވުމަށްފަހު މާލީ ބަދަލުގެ ގޮތުގައި ސައޫދީ ސަރުކާރުން ހޯދުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ކޯޓުތަކަށް ސާބިތު ކޮށްދެވިއްޖެނަމަ ސައޫދީ ގެ ފަރާތުން މާލީ ބޮޑު ބަދަލުތަކެއް ހޯދުމަށް އެމެރިކާގެ ކޯޓުތަކަށް ހުށަހެޅުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށް އެއާއިލާތަކުގެ ވަކީލުން ދެކެއެވެ. ނަމަވެސް ސައޫދީގެ މައްޗަށްކުރާ މި ތުހުމަތުތަކާބެހޭ އެއްވެސް ހެއްކެތް އެެމެރިކާގެ އެ އާއިލާތަކުގެ ވަކީލުންނަށް ދެއްކި ފައެއް ނުވެއެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނުގައިވާގޮތުން ސެޕްޓެމްބަރު 11 ގެ ހަމަލާތައް މުރާޖައާކުރުމަށްފަހު އާއްމުކުރުމަށް ރައީސް ބައިޑަން އަންގަވާފައިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގެ ފަހަތުގައިވަނީ އަލްގާއިދާކަމަށް އެމެރިކާ ތުހުމުކޮށްފައިވާއިރު އެޖަމާއަތުންވެސްވަނީ އެކަމަށް އެއްބަސްވެފައެވެ. ނަމަވެސް ފަސިންޖަރުން ހިމެނޭ މަދަނީ މަތިންދާ ބޯޓުތަކެއް ހައިޖެކްކޮށްގެން އެބޯޓުތައް ބޭނުންކޮށްގެން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ރޭކާނުލާގޮތަށް އެވަރުގެ ބޮޑު ހަމަލާތަކެއް އެމެރިކާގެ އެތެރޭގައި ރާވައި ތަންފީޒުކުރުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ބައެއް ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.

އަދި އެ ހަމަލާތައް އަމާޒުވި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރު ބިމާހަމަވިގޮތުން އެއީ އެޓަވަރުތަކުގެ އެކި ހިސާބުތަކުގައި ޑައިނަމެޓް ހަރުކޮށް ޑިމޮލިޝަން އިންޖިނިއަރިން އާއި އޭގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ޕްރޮފެޝަނަލްކޮށް އެހެންބަޔަކު ކޮށްފައިވާ ކަމެއްކަމާމެދުެވސް ބައެއް ފަރާތްތަކުން ޝައްކު ކުރެއެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގެ ހަގީގީ ބޭނުމަކީ އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ ބައެއް ގައުމުތަކަށް އަރައިގަނެ ސްޓްރެޓީޖިކް މަގްސަދުތަކެއް ހާސިލް ކުރުމުގެ ފުރުސަތު އެމެރިކާއަށް ފަހިކޮށްދިނުންކަމަށް ބައެއް ފަރާތްތަކުން ޝައްކުކޮށް ލިޔުންތައް ލިޔެފައިވެއެވެ. ނަމަވެސް މިފަދަ ލިޔުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުން އެމެރިކާގައިވަނީ މަނާކޮށްފައެވެ. މިއާއެކު މިފަދަ ވާހަކަތައް ދެއްކުމަށް އެމެރިކާއާއި ހުޅަނގުގެ އެހެން ގައުުމުތަކުގެ ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް ވަނީ ފަސްޖެހިފައެވެ.