04 Sep 2021, 13:47
ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާކަން އެނގިއްޖެއެވެ.
ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.
އެހެންކަމުން އެ ސޫރަތުގައި މެދުތެރެއަކުން ވަނީ ނާޒިޢާތު ސޫރަތުގެ އާޔަތްތަކެއް އައިސް އޮޅިފައެވެ.
މިކަމާ ގުޅިގެން އާންމުން އަންނަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.
އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މި މައްސަލަ ފާހަގަ ކުރައްވާ، މިއީ ވަރަށް އަވަހަށް ރަނގަޅު ކުރުން މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ.
"ތިކަމާ ގުޅުން ހުރި ޑިޕާޓްމަންޓުން ތިކަން ބަލަމުން އެދަނީ.ޕްރިންޓް ކުރުމުގައި ލޭއައުޓަށް ދިމާވި މައްސަލައެއްތޯ. ބައެއް ފަހަރަށް އެގޮތަށް ލޭއައުޓުގައި ހުރެފާނެ މައްސަލަ. އެހެންކަމުން އަޅުގަނޑުމެން ދޭނީ ގައިޑެންސް ސުކޫލްތަކަށް ކަންކުރަންވީ ގޮތުގެ" އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.