ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އިން ވަކިނުވެ އިންޑިއާއިން ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ސާފާ)އާ ގުޅެން ނިންމައިފިއެވެ.

އިންޑިއާ ސާފްގައި ބައިވެރިކުރަން ނިންމާފައި ވަނީ އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ އެދެމުގެ މަތިންނެވެ.

މިއަހަރު ކުރިއަށް ގެންދާ ސާފާގެ ޒުވާން އުމުރުފުރާގެ މުބާރާތްތަކުގައި އިންޑިއާގެ ގައުމީ ޓީމުތައް ބައިވެރިވުން ގާތެވެ.

ސާފްގައި މިހާރު ހަ މެމްބަރު ގައުމު އެބައޮތެވެ. އެއީ އިރާން، އުޒްބަކިސްތާން، ތަޖީކިސްތާން، ތުރްކަމިނިސްތާން، ކިރިގިސްތާން އަދި އަފްއާނިސްތާންއެވެ.

އަފްއާނިސްތާން 2015 ވަނަ އަހަރާ ހަމައަށް އޮތީ ސާފްގެ މެމްބަރު ގައުމެއްގެ ގޮތުގައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ އެގައުމު ވަނީ ސާފާއަށް ބަދަލުވެފައެވެ.

އިންޑިއާ ސާފާގައި ބައިވެރިވާން ނިންމި ނަމަވެސް އެގައުމު ސާފްގެ މެމްބަރު ގައުމެއްގެ ގޮތުގައި ދެމި އޮންނާނެއެވެ.

އަންނަ މަހު އެކެއްގައި ފަށައި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން މިވަގުތު އަންނަނީ ނޭޕާލްގައި ކޭމްޕްކޮށް ތަމްރީންތަކެއް ހަދަމުންނެވެ. މި ކޭމްޕްގައި ނޭޕާލްގެ ގައުމީ ޓީމާ ދެކޮޅަށް ދެ މެޗު ކުޅެން ހަމަޖެހިފައި އޮތް އިރު މި މަހުގެ ދެވަނަ ދުވަހު ވަނީ މެޗެެއް ކުޅެފައެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އާއި ނޭޕާލް 1-1 އިން އެއްވަރުވި އިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި އިންޑިއާއިން މިފަހަރުގެ މުބާރާތަށް ނަގާފައިވަނީ އެގައުމުގެ ސީނިއާ ސްކޮޑެވެ. އެންމެ ފަހުން ބަންގްލަދޭޝްގައި މުބާރާތް އޮތް ފަހަރު އެ ގައުމުން ބައިވެރި ކުރީ 23 އަހަރުން ދަށުގެ ޓީމެވެ. އެ މުބާރާތުގެ ފައިނަލްގައި އިންޑިއާއިން ބަލިވީ ރާއްޖެ އަތުން 1-2 ގެ ނަތީޖާއަކުންނެވެ.