"23 ޑިސެންބަރު އިއްތިހާދުން" އާޓިފިޝަލް ބީޗުގައި މާދަމާ ބާއްވާ އެއްވުމާއި އެމްޑީޕީން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދާ އެއްވުން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެޗްއާރްސީއެމާއި ފުލުހުން އެ ގޮތަށް އިލްތިމާސް ކުރީ 23 ޑިސެންބަރު އިއްތިހާދާއި އެމްޑީޕީގެ އިސްބޭފުޅުންނާ މިއަދު ބައްދަލު ކުރައްވަ އެވެ. މާދަމާ 23 ޑިސެންބަރު އިއްތިހާދާއި އެމްޑީޕީން ދެ ސަރަހައްދެއްގައި ކުރިއަށް ގެންދާ ހަރަކާތް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ފަސް ކަމަކާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.

އެ ފަސް ކަންތައްތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހެޔޮގޮތުގައި ބޭނުން ކުރުމަށާއި މީހުންގެ އަބުރާ އިއްޒަތް ނުގެއްލޭނެ ގޮތަށް ވާހަކަތަކާއި އަމަލުތައް ބެހެއްޓަމަށެވެ. އަދި މީހުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުމަށާއި މުޒާހަރާތަކުގެ މައުލޫމާތުގެ މީޑިއާތަކުން ގެނެސްދިނުމުގައި ޒިންމާދާރުވުމަށް ވެސް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފައިވެ އެވެ.

އެއްވުންތައް ރޫލާލަންޖެހިއްޖެ ހާލަތެއްގައި އިންސާނީ ހައްގުތަކުގެ މިންގަޑުތަކާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލު ކުރުމަށާއި "ހާލަތަކަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިނަވްރު އިހްތިޔާރު ކުރުމަށް" ސަލާމަތީ ބާރުތަކަށް ވެސް އެޗްއާރްސީއެމުން އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ 23 ޑިސެންބަރުގައި ބޭއްވި "ބޮޑު މުޒާހަރާ"ގައި ވެސް ހަމަނުޖެހުމެއް ހިނގައިފާނެތީ އެމްޑީޕީ އާއި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ. އެ ދުވަހު ދެ ބައިމީހުން ބުނެފައި ވަނީ ކުރިމަތިލުމަކަށް ނުދާނެ ކަމަށެވެ.