މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާހު ރަޝީދު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

ސަމާހު ޕީޕީއެމާ ގުޅިވަޑައިގެންފައިވަނީ މިރޭ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި "އައްޑަނަ"އިގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ސަމާހު ޕީޕީއެމާ ގުޅިވަޑައިގެން، ޕާޓީގެ ފޯމާ ހަވާލުވެލެއްވީ މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުުއްރަހީމް އަބްދުﷲއެވެ.

ސަމާހަކީ އެމްޑީޕީގެ އެންމެ ފުރަތަމަ މެމްބަރުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ މެމްބަރެކެވެ. ޕީޕީއެމަށް މިރޭ ގުޅިވަޑައިގަތުމާ ހަމައަށް ވެސް އޭނާ ހުންނެވީ އެ ޕާޓީގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ ސަމާހު ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ.

މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން ޕާޓީއާ އަލަށް ގުޅުނު އާއްމު މެމްބަރުންގެ ފޯމުތައް ވެސް ވަނީ ހަވާލުކޮށްފައެވެ.

އިދިކޮޅުން މިރޭ ބޭއްވި "އައްޑަނަ" ޖަލްސާއަކީ އެ ޕާޓީގެ މަގުމަތީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ތެރެއިން ގިނަ ދުވަސްތަކަކަށްފަހު އިންތިޒާމް ކޮށްގެން ބޭއްވި ބޮޑު ޖަލްސާއެކެވެ. އެގޮތުން އެ ކޯލިޝަނުގެ ގިނަ އަދަދެއްގެ އިސްވެރިން މިރޭ ވަނީ އެ ޖަލްސާގައި ވާހަކަ ވެސް ދައްކަވާފައެވެ.