ހދ.ނޮޅިވަރަމުގައި ކޮވިޑް-19ގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ. އެ ރަށުގެ އެތައް ކުޑަކުދިންނަކާއި އުމުރުން ދުވަސްވީ އެތައް ބަޔަކު ވެސް ވަނީ މި ބަލީގެ ޝިކާރައަކަށްވެފައެވެ.

އެންމެ ފުރަތަމަ ކޮވިޑްގެ ހަތް ކޭހެއް ފެނި ނޮޅިވަރަމް ބަންދުކުރަން ޖެހުނީ އޯގަސްޓު މަހުގެ 28ވަނަ ދުވަހުއެވެ. އަދި މިއަދާ ހިސާބަށް 109 މީހުން ވަނީ އެ ރަށުން ޕޮސިޓިވް ވެފައެވެ.

ރަށުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯހުން ގޯހަށް ދާއިރު ރަށުގެ 100 ގެ މިހާރު ވެސް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

އެ ރަށު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ ނޮޅިވަރަމްގެ ކައުންސިލާއި ސިއްހީ މަރުކަޒުން މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސާބިތުވެ ތިބޭ ކަމަށެވެ.

"އެކަމަކު ހދ ގެ އެންމެ ބޮޑު އެއް އާބާދީ އޮތް ނޮޅިވަރަމްގެ ޕޮލިސް ސްޓޭޝަނުގައި ތިބީ ފަސް މުވައްޒަފުން،އެތަނުން އެކަކު މިހާރު ކޮވިޑަށް ޕޮސިޓިވް ވެފައިވަނީ." މުސްތަފާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނޮޅިވަރަމަށް އިތުރު ފުލުހުން ބޭނުންވާ ކަމަށެވެ.

މި ހާލަތުގައި ނޮޅިވަރަމް އޮތް އިރު އެ ރަށުގެ އެމްބިއުލޭންސް ހަލާކުވެފައި އޮންނަތާ ވަނީ އެތައް ދުވަހެއް ވެފައެވެ. މުސްތަފާ ވިދާޅުވީ އެމްބިއުލޭންސް ހަލާކުވެފައި އޮންނާތީ ބަލިމީހުން ހޮސްޕިޓަލަށް ގެންދަން ޖެހެނީ އާންމު ރައްޔިތުންގެ ޕިކަޕުތަކާއި ސައިކަލުތަކުގައި ކަމަށެެވެ.

މީގެ އިތުރުން، މަރުކަޒުގެ މުވައްޒަފުން ސާމްޕަލް ނެގުމަށް ވެސް ދަތުރު ކުރަނީ މުވައްޒަފުންގެ އަމިއްލަ ސައިކަލުތަކުގައި އަމިއްލައަށް ޕެޓްރޯލް އަޅައިގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ރަށުގެ ސިއްހީ މަރުކަޒުގައި ވެސް މަދު މުވައްޒަފުންތަކެއް އުޅޭއިރު އޭގެ ތެރެއިން އެއް މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ.

ނޮޅިވަރަމްގައި ކޮވިޑަށް ޕޮސިޓިވްވެފައިވާ އާބާދީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ތެލެސީމިއާ ކުދިން އަދި ދުވަސްވީ މީހުން ވެސް ހިމެނެއެވެ.

އެ ރަށުގެ ރައްޔިތުން މިއަދު ގޭ ބަންދުވެފައި އެ ތިބީ ގިނަ ދަތިތަކަކާ ކުރިމަތިލަމުންނެވެ. އެގޮތުން އެކިއެކި ދާއިރާތަކުގެ މަސައްކަތްތެރީންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ލިބުން ވެސް ވަނީ މެދުކެނޑިފައެވެ.

މުސްތަފާ ވިދާޅުވީ ނޮޅިވަރަމްގެ ރައްޔިތުންގެ އާދޭހަކީ ސަރުކާރާއި ސަރުކާރުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުން ނޮޅިވަރަމްގެ ހާލަތު ކައިރިން ބަލާ މި ބިރުވެރި ހާލަތުން އަރައިގަތުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ.