މިހާރު ވެރިކަން ކުރާ މައި ޕާޓީ ވެރިކަމަށް އައީ ދިވެހި ގައުމުގައި "ހުސްކުރާ ސޭލް" އަޅުވަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީ ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ވެސް ގައުމުގެ ހަރުމުދާ ވިއްކާކަމަށެވެ.

ސެޕްޓެމްބަރު 3، 2021: ޕީޕީއެމުން ކާނިވާ ސަރަހައްދުގައި "އައްޑަނަ"އިގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

"ފަޅު ރަށްތައް ވިއްކައިފި. ބިންތައް ވިއްކައިފި، ދައްޕަރު ވިއްކައިފި، އައްޑޫ ވިއްކައިފި، ހަނިމާދޫ ވިއްކައިފި، މާލެ ވިއްކައިފި، ހުޅުމާލެ ވިއްކައިފި، ސްކޫލްތައް ވިއްކައިފި، މިސްކިތް ވިއްކައިފި. ދެން ވިއްކަން އޮތީ ދިދައާއި ގައުމީ ލަވަ. އެމްޑީޕީއަކީ ޝައްކެތް ވެސް ނެތް ގޮތުގައި ހުސްކުރާ ސޭލުގެ ޕާޓީ،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއިން ގައުމަށް ގެނައި އެއްވެސް ތަރައްގީއެއް ނެތްކަމަށެވެ. އަދި އެ ޕާޓީން ކުރިހާ ވެސް ކަމަކީ ވައްކަންކުރުންކަމަށް ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން، ޖަމީލް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހައްގު މިންވަރު ރައްޔިތުންނަށް ދިނުމަށް ވަކާލާތުކުރާ ޕާޓީއެއްކަމަށެވެ. ނަމަވެސް އެކަން ވެސް އެ ޕާޓީއަށް ފުއްދިފައިނުވާކަމަށެވެ.

ސެޕްޓެމްބަރު 3، 2021: ޕީޕީއެމުން ކާނިވާ ސަރަހައްދުގައި "އައްޑަނަ"އިގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން، ގިނަ އަދަދެއްގެ އާންމުން ޖަމާވެފައި -- ފޮޓޯ/ ޕީޕީއެމް

ޖަމީލް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޖުޑިޝަރީ އިސްލާހު ކުރުންކަމަށެވެ. ނަމަވެސް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެއްވެސް މިނިވަންކަމެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ.

"ހަމަ ރަނގަޅަށް ވެސް ރާއްޖޭގެ ޖުޑިޝަރީ ނިޒާމް ޕްރައިވެޓައިޒްކޮށްލާފައި މިއޮތީ. މިއަދު ދިވެހި ރާއްޖޭގެ ގާނުނީ ނިޒާމު ޕްރައިވެޓައިޒްވެ ނިމިއްޖެ. ހިސާން ހިސާނަށް ޕްރައިވެޓައިޒް ވީމާ އެތަނަށް އަންނާނީ ނައިޓް، މުޅި ޝަރުއީ ނިޒާމަށް ނައިޓްވެފައި އޮތީ،" ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު ރާއްޖޭގެ ކޯޓުތަކުން ކުރަމުން އަންނަ ހުކުމްތަކަކީ "ނަޖިސް" ހުކުމްތަކެއްގެ ގޮތުގައި ވެސް ޖަމީލް ސިފަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ޖަމީލްވަނީ ސަރުކާރު ހިނގަމުން އަންނަ ގޮތާމެދު ވަރަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވާފައެވެ.