ކާބުލް (ސެޕްޓެމްބަރު 3) : އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންގެ ވެރިކަމަށް ކިޔަމަންވުމަށް ދެކޮޅުހަދައި ބަޣާވާތުގެ މެސެޖްތަކެއް ދެމުން ގެންދާ އަފްޣާންގެ އިދިކޮޅު ޖަމާއަތެއްކަމަށްވާ "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންނާއި ތާލިބާނުންނާ ދެމެދު ޕަންޖުޝީރު ވާދީގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ތާލިބާނުން މިކަން ކަށަވަރުކޮށްދޭއިރު "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" އިންވަނީ އެޖަމާއަތުގެ ހަނގުރާމަވެރިން ތާލިބާނުންނަށް ބޮޑެތި ގެއްލުންތަކެއް ދިންކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ތާލިބާނުންނަށް އަފްޣާނިސްތާނުގައި ކޮންޓްރޯލް ނެތް ހަމައެކަނި ސަރަހައްދަކީ ޕަންޖުޝީރު ވާދީ އެވެ.

ޕަންޖުޝީރު ވާދީ ގައި ހަރަކާތްތެރިވާ "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" އަކީ 1979ގައި އަފްޣާނިސްތާނަށް އެރި ކުރީގެ ރޫސީ ސިފައިންނާ ދެކޮޅަށް ޖިހާދުކުރި މުޖާހިދުންގެ މަޝްހޫރު ލީޑަރެއްކަމަށްވާ އަހްމަދު ޝާހު މަސްއޫދަށް ނިސްބަތްވާ ޖަމާއަތެވެ. އަހްމަދު ޝާހު މަސްއޫދަކީ ރޫސީ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު އަފްޣާން މުޖާހިދުން އެކުލަވާލި ސަރުކާރުގެ ދިފާއީ ވަޒީރުކަންވެސް ކުރައްވާފައިވާ އަފްޣާނިސްތާނުގެ ވަރުގަދަ އަސްކަރީ ކޮމާންޑަރެކެވެ.

އަހްމަދު މަސްއޫދު

2001 ވަނައަހަރުގެ ސެޕްޓެމްބަރު މަހު އަލްގާއިދާއިން އަހްމަދު ޝާހު މަސްއޫދު އަވަހާރަކޮށްލުމުން "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ލީޑް ކުރަމުން ގެންދަނީ އޭނާގެ ދަރިކަލުން އަހްމަދު މަސްއޫދެވެ. އަހްމަދު މަސްއޫދަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ސެންޑްހާސްޓް މިލިޓްރީ އެކަޑަމީން އަސްކަރީ ތައުލީމު ހާސިލް ކުރެއްވުމުގެ އިތުރުން ލަންޑަން ޔުނިވާސިޓީން އިންޓަނޭޝަނަލް ޕޮލިޓިކްސް ގެ ދާއިރާއިންވެސް މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ. އޭގެކުރިން އޭނާވަނީ އީރާނުންވެސް ތައުލީމު ހާސިލް ކުރައްވާފައެވެ.

1996 ވަނައަހަރު ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާނުގެ ވެރިކަން ދިޔުމުންވެސް "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" އިންވަނީ ތާލިބާނުންގެ ވެރިކަން ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. އެފަހަރު ތާލިބާނުން އެޖަމާއަތާ ހަނގުރާމަ ނުކޮށް ދޫކޮށްލުމުން އެޖަމާއަތް ވަނީ އަވަށްޓެރި ތާޖަކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ހުޅަނގުން ހަތިޔާރު ހޯދައިގެން ތާލިބާނުންނާ ކުރިމަތިލުމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މިތަޖްރިބާއަށް ބެލުމަށްފަހު ތާލިބާނުން މިފަހަރު މިވަނީ "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ކޮންޓްރޯލް ކުރާ ސަރަހައްދު ތާލިބާނުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށްގެނައުމުގެ ހަނގުރާމަ ފަށާފައެވެ. ހަނގުރާމަ ފަށާފައިވަނީ ސުލްހަވެރިކަމާއެކު ހަތިޔާރު ބެހެއްޓުމަށް "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" އަށް ތާލިބާނުން ހުށަހެޅި ހުށަހެޅުންތަކަށް ތަކުރާރުކޮށް އެޖަމާއަތުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ޕަންޖުޝީރު ވާދީގެ ކައިރިއަށް ތާލިބާނުންގެ އެތައް ހާސް ހަނގުރާމަވެރިންނެއް ފޮނުވުމަށްފަހުވެސް ތާލިބާނުންގެ ކޮމާންޑަރުންވަނީ ހަތިޔާރު ބެހެއްޓުމަށް "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންނަށް އެތަށްފަހަރަކު ގޮވާލާފައެވެ. ނަމަވެސް އެޖަމާއަތުގެ ހަނގުރާމަވެރިންގެ ސުލްހައަށް އިޖާބަ ނުދިނުމުން ތާލިބާނުންވަނީ ޕަންޖުޝީރު ވާދީގެ ސަރަހައްދުތަކަށް ބޮޑުބަޑިންނާއި ރޮކެޓާ އެނޫންވެސް ހަތިޔާރުތަކުން ހަމަލާތައް ދޭން ފަށާފައެވެ.

ހަމަލާތައް ފެށުމުގެ ކުރިން ތާލިބާނުންވަނީ ތާޖަކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންނަށް ހަތިޔާރު ލިބޭނެ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. ތާލިބާނުން ބުނިގޮތުގައި "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ސަރަހައްދުކަމަށްވާ ޕަންޖުޝީރު ވާދީ މިހާރުވަނީ ހިސާރު ކުރެވިފައެވެ. އަދި އިއްޔެ އިން ފެށިގެން "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރަމަވެރިންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި ޕަންޖުޝީރު ވާދީ ބައެއް ސަރަހައްދުތަށް ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާކަންވެސް އެޖަމާއަތުންވަނީ ކަށަވަރުކޮށްދީފައެވެ.

ތާލިބާނުން ވަނީ "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންނަށް އެހީތެރި ނުވުމަށް އެމެރިކާއަށާއި ނޭޓޯއަށް އިންޒާރުކޮށްފައެވެ. އަފްޣާނިސްތާނުގެ އެތެރެ ގަޑުބަޑުކުރުމަށް ޓަކައި އެމެރިކާއަށާއި ނޭޓޯއިން "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންނަށް އަސްކަރީ މަދަދު ދީފާނެކަމުގެ ބިރު ތާލިބާނުން އިހްސާސް ކުރެެއެވެ.