03 Sep 2021, 19:31
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނެގުމަށް ފުލުހުންގެ ވަފުދެއް އިނގިރޭސި ވިލާތަށް ދާން ނިންމައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ފުލުހުންގެ ތަހުގީގު ޓީމުގެ ވަފުދެއް ފޮނުވަން ވަނީ ނިންމައިފައެވެ.
އެހެން ނަމަވެސް އެމަނިކުފާނުގެ ބަޔާން ނެގުމަށް ފުލުހުން ޔޫކޭއަށް ދާ ވަކި ތާރީހެއް އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އެއްޗެއް ނުބުނެއެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ބެހޭ ގޮތުން އެމަނިކުފާނު ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދުގެ ވަކީލުން އިއްޔެ ވަނީ ވިދާޅުވެފައެވެެ.
ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ބަޔާނެއް ނުލިބޭކަމަށާއި ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ. މި ހަތަރު މީހުންގެ ޝަރީއަތް މިދިޔަ މަސްތެރޭގައި ވަނީ ފަށާފައެވެ.