އިއްޔެ އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މައްސަލަައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި މިހާރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެ އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އާއި އިތުރު މީހަކަށް ވެސް ބޮޑެތި ޒަހަމްތަކެއް ވަނީ ވެފައެވެ.

ނަމަވެސް ރޭ މަންދީ ކުރި ޓްވީޓުގައި އޭނާ ވަނީ އޭނާއަސް ހަމަލާ ދިން މީހާއާއި މެދު ހަރުކަށި ފިޔަވަޅެއް އެޅުމަށް ނޭދޭކަމަށް ބުނެފައެވެ. އަދި އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ވެސް ބުނެފައެވެ.

މަންދީ ކުރި ޓުވީޓުގައި އެ ހަމަލާ ދިން މީހާއަށް ހަމްދަރުދީވެ ވާހަކަދައްކާފައިވާއިރު އެމްޑީޕީން ރޭ ވަނީ އެ ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ހަމަލާ ދިން ފަރާތާމެދު ތަހުގީގު ހިންގާ ފިޔަވަޅު އެޅުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ އެ ޕާޓީގެ ތެރޭގައި ހަމަނުޖެހުމާއި މާރާމާރީއަށް އޮތީ ޒީރޯ ޓޮލަރެންސްކަމަށް ވެސް އެމްޑީޕީން ބުންޏެވެ.