03 Sep 2021, 17:06
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ޕެޓިޝަނަށް 50،000 އަށްވުރެ ގިނަ ސޮއި ހަމަކޮށްފިއެވެ.
މި ޕެޓިޝަނަށް ސޮއި ހަމަކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް ނިޝަން އިބްރާހިމް "ސަން"އަށް ވިދާޅުވީ މިހާރު މި ޕެޓިޝަނަށް ވަރަށް ގިނަ އަދަދެއްގެ ސޮއި ހަމަކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ ސިސްޓަމަކަށް މައުލޫމާތު އެޅުމުގެ މަސައްކަތްކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކުން 50 ހާހުން މަތީގައި އުޅެނީ. ރަށްރަށުން ވެސް ވަަރަށް ބައިވަރު ފޯމް ލިބިފައިވަނީ. ދެން އެ ފޯމުތަކުގެ މައުލޫމާތު ސިސްޓަމަށް އެންޓާކުރުމުގެ މަސައްކަތް މިކުރަނީ، އޭރުން ރިޕީޓްވެފައި ހުރި ނަމަވެސް އެކަމެއް ވެސް ފެނިގެންދާނެ،" ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އަތޮޅުތެރެއިން ވެސް މި ޕެޓިޝަނުގައި ސޮއިކުރުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ފޯމު އަތޮޅުތެރެއަށް ވެސް ފޮނުވާފައިވާކަމަށެވެ. އަދި އަތޮޅު ތެރެއިން ސޮއިކޮށްފައި ހުރި ގިނަ އަދަދެއްގެ ފޯމު ވަަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.
"ވަރަށް ތަރުހީބު ބޮޑުކޮށް ދަނީ. މިވަރުގެ ތަރުހީބެއް ލިބޭކަމުގައި ވަނީ ނަމަ ވަރަށް އަވަހަށް ސޮއި ބޭނުންވާ މިންވަރަށް ހަމަކުރެވިގެން ދާނެ. މި މަސައްކަތް ނިމޭނީ އަޅުގަނޑުމެން ބޭނުންވާ އަދަދަަށް ސޮއި ލިބުނީމާ،" ނިޝާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕެޓިޝަނަށް ސޮއި ހަމަ ކުރުމަށްފަހު ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން އަރުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް މި ޕެޓިޝަނުގެ ކޮޕީއެއް ހުށަހަޅާނެކަމަށެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އަންނަނީ އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަމުގައި ބައިވެރިވަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އެ ފަހަރު ރައްޔިތުންގެ ތެރެއިން 92 ޕަސެންޓް މީހުން ވޯޓު ދިނީ ރިޔާސީ ނިޒާމަށެވެ.