މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ އަށެއް ގެ ނިޔަލަށް، ރާއްޖޭގައި ހިނގާފައިވާ ކަންކަން ހޯދައި ބެލުމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގައި ހިމަނުއްވެވި އަޙްމަދު މުޖްތަބާގެ ބަދަލުގައި، މ. ވެލަގަލި ޑރ. ޢަލީ ފަވާޒް ޝަރީފް އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ފަވާޒު ހަމަޖެއްސެވީ، އަޙްމަދު މުޖްތަބާއަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތްކަމުގައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސް ކުރައްވައި ވިލަރެސްވެރިޔާ ކަމުގައިވާތީ، މި ދެ މަސައްކަތް އެކުގައި ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރެދާނެކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިޔަށް ގެންދެވުމަށް ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ އާއި، އެކަމުގައި އޮތް އެންމެ އެކަށީގެންވާ ގޮތަކީ، ކޮންމެވެސް އެއްމަސައްކަތެއް ކުރެއްވުން ކަމުގައިވާތީއާއި، މިހާރު ފަށްޓަވާ ސިޔާސީ ފަރާތްތަކުގެ މަޝްވަރާތައް ވިލަރެސް ކުރެއްވުމުގެ މަސައްކަތް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދެވުމަށްޓަކައެވެ.

މިގޮތަށް ހަމަޖެއްސެވުމުން، ޑރ. ޢަލީ ފަވާޒު އިތުރުން، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގައި ތިއްބަވާނީ، އިސްމާޢީލް ޝަފީޢާއި، ޑރ. އިބްރާހީމް ޔާސިރު އަޙްމަދެވެ. މި ކޮމިޓީގެ އިސްބޭފުޅަކަށް ހުންނަވާނީ އިސްމާޢީލް ޝަފީޢުއެވެ.