03 Sep 2021, 12:15
އެމަޖެންސީ ހާލަތްތަކުގައި އދ. އަތޮޅުން ސީއެމްބިއުލާންސް ލިބެން ނެތް ނަމަ ކަނޑު މަގުން ބަލިމީހުން ގޮވައިގެން ދަތުރު ކުރުމުގެ މަސައްކަތް އާސަންދައިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ އެއްބަސްވުމުގެ ދަށުން އދ. އަތޮޅުން ސީ އެބްމިއުލާންސްގެ ހިދުމަތް ނުލިބޭ ހާލަތްތަކުގައި އެއް ރަށުން އަނެއް ރަށަށް އަދި މާލެއަށް ދަތުރު ކުރާނީ ސްޕީޑު ބޯޓުގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.
އާސަންދަ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއާ ބެހޭ އެއްބަސްވުމުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ. އަދި އެޗްއެމްއެޗްއައި ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އިބްރާހިމްއެވެ.
އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ އެއް އަހަރަށެވެ.
އާސަންދައިން ބުނީ ސީއެމްބިއުލާންސް ނުލިބޭ ހާލަތްތަކުގައި އެ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ކަނޑައަޅާ ކެޕޭސިޓީއެއްގެ ލޯންޗެއްގެ ހިދުމަތް ބަލިމީހާއަށް ލިބިގެންދާނެ ކަމަށެވެ. އަދި އާސަންދަ ކުންފުނީގެ ފަރާތުން ހިދުމަތަށް އެދޭތާ ވަކި ވަގުތެއްގެ ތެރޭގައި ދަތުރު ފެށޭނެ ކަމަށެވެ.
އެފަދަ ހިދުމަތެއް ފެށުމާ ގުޅިގެން އާސަންދައިން ބުނީ، އަބަދުވެސް އެންމެ އިސްކަމެއް ދެނީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ އަވަސް ހިދުމަތެއް ދިނުމަށް ކަމަށެވެ.
އެގޮތުން ސީއެމްބިއުލާންސް ނުލިބޭ ހާލަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ލޯންޗުގައި ދަތުރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ލޯންޗް ހޯދުމުގައިވެސް ލަސްތަކެއް ވާތީ، އެއީ ބަލިމީހާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ކަމެއް ކަމަށް އާސަންދައިން ބުންޏެވެ.
އެހެންކަމުން ފާއިތުވި ދުވަސްތަކުގެ ތަޖުރިބާއާއި މީހުންގެ ހިޔާލަށް ބަލައި، ހާލުދެރަ ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި މިހާރަށްވުރެ އަވަސް ހިދުމަތެއް ދިނުމުގެ ބޭނުމުގައި އެ ހިދުމަތް ފެށީ ކަމަށް އާސަންދައިން ބުނެއެވެ.
އާސަންދަ ކުންފުނިން ފާހަގަ ކުރާ ގޮތުގައި އދ. ގައި އެ މަޝްރޫއު ފެށީ އަޖުމަ ބެލުމުގެ ގޮތުންނެވެ. އަދި އެ މަޝްރޫއާއެކު ހިދުމަތަށް އަންނަ ބަދަލުތައް އެ ކުންފުނިން ދިރާސާ ކޮށް، އޭގެ ނަތީޖާއިން ހިދުމަތް އަވަސްވެ، ފެންވަރު ރަނގަޅު ވާ ނަމަ ، އެހެން އަތޮޅުތަކުގައިވެސް އެ ހިދުމަތް ފަށަން އެ ކުންފުނިން ނިންމާފައިވެއެވެ.
އެޗްއެމްއެޗްއައި އިންމިހާރުވެސް އދ. އަތޮޅުގައި އާއި އެ އަތޮޅާއި މާލެއާ ދެތެރޭ ލޯންޗާއި ފެރީގެ ހިދުމަތް ދެއެވެ.