03 Sep 2021, 10:07
އިންޑިއާގެ މަޝްހޫރު އެކްޓަރު ސިދާތު ޝުކްލާ އިއްޔެ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ބޮލީވުޑްގެ ތަރިން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.
ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން މިދިޔަ އަހަރު ކާމިޔާބު ކުރި ސިދާތު މަރުވުމާ ގުޅިގެން އޭނާގެ އާއިލާ އާއި އެކުވެރިންނަށް ތައުޒިޔާ ފޮނުވި މީހުންގެ ތެރޭގައި ކޮމިޑީއަން ކާޕިލް ޝަރުމާ އަދި އެކްޓަރުން އަނުޝްކާ ޝަރުމާ އާއި ސަންޖޭ ދަތު ހިމެނެއެވެ.
ސިދާތުގެ ގާތް އެކުވެރިން ވަނީ އޭނާގެ ހިތްގައިމު މިޒާޖާއި ރީތި ހިނިތުންވުން ފާހަގަކޮށްފައެވެ. އެގޮތުން ކަރަން ޖޯހަރު ވަނީ ސިދާތުގެ "ހިނިތުންވުމާއި ހިތްހެޔޮކަން" އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ބުނެފައެވެ. އަދި ކާތިކް އާރަޔަން ބުނީ، ސިދާތުގެ ހިނިތުންވުމާއި މިޒާޖުން އޭނާ އެތައް ބަޔެއްގެ ހިތުން ބޮޑު ޖާގައެއް ހޯދާފައިވާ ކަމަށެވެ.
މީގެ އިތުރުން އެކްޓަރުން ޖާންވީ ކަޕޫރާއި ރަންދީޕް ހޫދާ އާއި ޕްރަތިކް ގާންދީ ވަނީ ސިދާތު ވަކިވެ ދިޔައީ މާ އަވަހަށް ކަމަށް ބުނެފައެވެ.
"މިހަޔާތާ ބެހޭ ގޮތުން އެންމެ ޔަގީންވާ ކަމަކީ މި ހަޔާތުގައި ވާނެ ކަމެއް ނޭނގޭނެކަން. ވަރަށް ހުނަރުވެރި [އެކްޓަރެއް] މާ އަވަހަށް ގެއްލިގެން ދިޔައީ. އާއިލާއަށް ތައުޒިޔާ ފޮނުވަން،" ޕްރަތިކް ގާންދީގެ ޓުވީޓުގައިވެއެވެ.
މީގެ އިތުރުން، ބިގް ބޮސް ސީޒަން 14ގައި "ސީނިއާ"އެއްގެ ގޮތުގައި ސިދާތުއާ އެކު ފެނިގެން ދިޔަ ގޯހަރު ހާން ވަނީ ސިދާތު އަކީ "މީހުންނަށް އަޅާލާ، ގޭމެއް ކުޅޭ ނަމަ ވާދަވެރި، ގުރޫޕެއްގައި އެންމެ ސަކަރާތް ޖަހާ، ގޯހެއް ހެދިއްޖެ ނަމަ މާފަށް އެދޭ" މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
"ސިދާތު ފަދަ ޖަވާހިރެއް އަހަންނަށް ތައާރަފް ކޮށްދިނީތީ ކަލާސްޓީވީ އާއި ބިގް ބޮސްއަށް ޝުކުރު އަރާ ކުރަން. ސިދާތުގެ ހަޔާތާ ބެހޭ ގިނަ ވާހަކަތައް ހިއްސާ ކޮށްދިނީތީ އޭނާއަށް އަހަރެން ޝުކުރުވެރިވަން، އެ ވާހަކަތައް އަބަދުވެސް ހަނދާނުގައި ބަހައްޓާނަން،" ގޯހަރު ބުންޏެވެ.
ސިދާތު ލީޑިން ރޯލެއްގައި އެންމެ ފަހުން ފެނިގެން ދިޔައީ ވެބް ސީރީސް 'ބްރޯކެން ބަޓް ބިއުޓިފުލް 3'އިންނެވެ.
އޭގެ ކުރިން އޭނާ ފެނިގެން ދިޔަ ސީރިސްތަކުގެ ތެރޭގައި "ބަލިކާ ވަދޫ" އާއި "ދިލް ސޭ ދިލް ތަކް" އާއި "ލަވް ޔޫ ޒިންދަގީ" ހިމެނެއެވެ. އަދި އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި އާލީއާ ބަޓް އާއި ވަރުން ދަވަންގެ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" ހިމެނެއެވެ.
ސާޅީސް އަހަރުގެ ސިދާތު އިއްޔެގެ ވަގުތެއްގައި މަރުވީ އޭނާ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި އޭނާ މުމްބާއީގެ ކޫޕާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުން ޒަހަމެއް ފެނިފައި ނުވާ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.