މާފުށީ ޖަލުގެ އޮފިސަރެއް ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު "ސަން"އަށް ވިދާޅުވީ ޖަލު އޮފިސަރެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ އޮފިސަރު ޕޮޒިޓިވް ވުމާގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ހުރިހާ ސާމްޕަލް ތަކެއްގެ ނަތީޖާ ލިބެންދެން ޖަލު އޮންނާނީ ކުއްލި ހާލަތުގައި ކަމަށެވެ.

"އޮފިސަރެއް ޕޮޒިޓިވް ވެގެން ޖަލު ކުއްލި ހާލަތަށް މި ގެނައީ. މި ވަގުތުން ފެށިގެން ވަގުތީ ގޮތުން ގައިދީންގެ ހުރިހާ މޫވްމަންޓްތަކެއް ވަނީ މެދުކަނޑާލެވިފަ. ހުރިހާ އޮފިސަރުންވެސް އެތެރެއަށް ގެނެސް އެއްވެސް މޫވްމެންޓެއް ޖަލުގަ ނުހިންގޭ ގޮތަށް ވަގުތީ ވަނީ ބަންދު ކުރެވިފަ. ކޮންޓެކްޓް ޓްރޭސިން ހަދަމުން މިދަނީ. ބަބުލްގެ ރިޒަލްޓް ލިބެންދެން މިވަގުތު އެއްކޮށް ޖަލު އޮންނާނީ ލޮކްޑައުންގަ،" ސީޕީ ވިދާޅުވިއެވެ.

ރާއްޖެއިން ފާއިތުވީ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 173 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 68 މީހުންނާއި އަތޮޅުތަކުން 89 މީހުންގެ އިތުރުން ރިސޯޓް ތަކުން 16 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81،474 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,895 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 24 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 79,340 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 226 ގައެވެ.