ހުޅުމާލޭ ޣާޒީ ސުކޫލުގެ މި އަހަރުގެ ކެޕްޓަންގެ މަގާމަށް އެ ސުކޫލުގެ ގުރޭޑް 10 ގައި ކިޔަވަމުން އަންނަ އާމިނަތް ލަމްހާ ހޮވައިފި އެވެ.

ސްކޫލުގެ އެކިއެކި މަގާމުތައް ހަވާލު ކުރުމަށާއި ޕްރިފެކްޓަރުން ހުވާ ކުރުމަށް މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލުގެ އެންމެ އިސް މަގާމަށް ހޮވުނު އަމިނަތު ލަމްހާއަށް ސޭޝްއާއި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ކުރީގެ މިނިސްޓަރުގެ ނައިބް އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކެބިނެޓް ސެކްރެޓެރީ ޑޮކްޓަރ އަބްދުﷲ ނަޒީރެވެ.

މިއަދު އޮތް އެ ރަސްމިއްޔާތުގައި މި އަހަރަށް ހޮވުނު ޕްރިފެކްޓް ކުދިންނަށާއި ސުކޫލުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓާއި ޝޭސް ހަވާލްކޮށްދެއްވީ ސްކޫލްގެ އިސްވެރިންނާއި ޕީޓީއޭ ހިންގާ ކޮމެޓީގެ އިސް ބޭފުޅުންނާއި ސްކޫލް ބޯރޑްގެ މެންބަރުންނެވެ. އެގޮތުން އެ ސުކޫލުންވަނީ 160 ކުއްޖަކަށް މަގާމުގެ ސެޓްފިކެޓް ދީފަ އެވެ.

ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ދެއްކެވި ވާހަކަފުޅުގައި މާތް ﷲ އިންސާނުން އުފައްދަވަނީ ހުނަރުތަކަކާއި ގާބިލިއްޔަތުކަމެއް ދެއްވާފައިވާ ކަމަށާއި މީގެތެރެއިން ބައެއްކުދިންގެ ގާބިލްކަން ކުރިއަށް ނެރެ ޒިންމާދާރު ކުދިބަޔަކަށް ހައްދަވަނީ މުދައްރިސުން ކަމަށާއި މުދައްރިސުން ދަރިވަރުންނަށް ތަރުބިއްޔަތާއި ތަމްރީން ދެއްވުމުގައި މުޖުތަމައަށް ފައިދާ ތަކެއްކުރާނެ ގޮތަކަށް ކޯޗްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އަދި ގާޒީ ސުކޫލަކީ މާލޭގައި ހަމައެކަނި ގްރޭޑް އެކަކުން 12 ށް ކިޔަވާދޭ ސުކޫލުކަމަށާއި އެހެންކަމުން މިއަދު ހުވާކޮށްގެން ނުކުތް ލީޑަރުން އެކުދިން ކުރި ހުވާގައި ބުނާ ގޮތަށް އިސްލާމް ދީނަށާއި ގާނޫނާއި ގައުމަށް އިޚުލާސްތެރިވެ އަންގަވާފައިވާ ހަމަތަކާ އުސޫލްތަކަށް ފުރިހަމަޔަށް ތަބާވެ ތެދުވެރިކަމާ އެކު ކުރިޔަށް ދިއުމަށް ނަޒީރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ސުކޫލުގެ ޕްރިންސިޕަލްގެ އިތުރުން ސުކޫލުގެ އިސްވެރިންނާއި ޕީޓީއޭ ހިންގާކޮމެޓީގެ މެންބަރުންނާއި ސްކޫލް ބޯޑްގެ މެންބަރުންގެ އިތުރުން ޓީޗަރުންނާ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވި އެވެ.