02 Sep 2021, 20:30
އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއާއި ނޭޕާލް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މިއަހަރުގެ ޖޫން މަހު ވޯލްޑްކަޕް ކޮލިފައިންގެ މެޗެއްގައި ގަތަރާ ދެކޮޅަށް ކުޅުމަށްފަހު އިންޑިއާއިން މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ވީއިރު، ހީކުރި ގޮތާ ޚިލާފަށް މި ސަރަހައްދުގެ އެންމެ މަތީ ރޭންކިންގައި އޮތް އިންޑިއާއިން މިއަދުގެ މެޗުގައި މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
އަންނަ މަހުގެ ތިނަކުން ތޭރައަށް ރާއްޖޭގައި ބާއްވާ ސާފަށް ތައްޔާރުވުމަށް އިންޑިއާއިން އެ މީހުންގެ ސީނިއާ ޓީމު އެކުލަވާލައިފައިވާ އިރު، އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި އެގައުމުން ބައިވެރި ކުރީ 23 އަހަރުން ދަށުގެ ޓީމެވެ.
މިއަދުގެ މެޗުފެ ފުރަތަމަ ހާފުގައި އިންޑިއާއަށް ނޭޕާލްގެ ގޯލަށް ނުރައްކާތެރި އެއްވެސް ހަމަލާއެެއް ފޮނުވާލެވިފައި ނުވާ އިރު، އިންޑިއާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނޭޕާލަށް ފުރަތަމަ ހާފުގެ 36 ވަނަ މިނަޓުގައި ލީޑު ނަގައިދިނީ އަންޖަން ބިސްޓާއެވެ.
ދެވަނަ ހާފު ފަށައިގެން އިންޑިއާއިން ވަނީ މުހިއްމު ބަދަލުތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމުން ދެވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން ނުކުން އަނިރުދް ތަޕާ ވަނީ 60 ވަނަ މިނަޓުގައި އިންޑިއާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އިންޑިއާއާއި ނޭޕާލް ބައްދަލު ކުރާ އެކުވެރިކަމުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
އޮކްޓޯބަރު 1-13 އަށް ރާއްޖޭގައި ބާއްވާ މުބާރާތުގައި ވާދަކުރާނީ ސާފުގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ބޫޓާންގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން އެ ގައުމުގެ ޓީމު ގައުމުން ބޭރަށް ފުރުމުގެ ހުއްދައެއް ނެތެވެ. އެހެންވެ ބޫޓާނުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން ރަސްމީކޮށް އަންގައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގައެވެ.