02 Sep 2021, 19:57
ސަރުކާރުގެ އަމާޒަކީ ކުރިއަށް ދެ އަހަރުގެ ތެރޭ ސައިބާ ސެކިއުރިޓީގެ ގާނޫނެއް ފާސްކޮށް އެ ގާނޫނު ތަންފީޒުކުރުން ކަމަށް ތިމާވެއްޓާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ޓެކްނޮލޮޖީގެ ކަންކަމަށް މާ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިނުވާކަމަށެވެ. އަދި އެ ދާއިރާއަކީ އަބަދުވެސް ވަރަށް ބޮޑަށް ދޫކޮށްލެވިފައި އޮތް ދާއިރާއެއްކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން މި ސަރުކާރުން އިތުުރު އަހަންމިއްޔަތުކަމެއް ދީގެން މި އަންނަނީ މަސައްކަތްކުރަމުން. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެންނާނެ ސައިބާ ސެކިއުރިޓީގެ މައްސަލައިގައި އަޅުގަނޑުމެންނަަށް ކުރެވޭ މަސައްކަތުގެ ނަތީޖާ،"
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކީ ސައިބާ ސެކިއުރިޓީއާ ގުޅޭ ގާނޫނެއް މަޖިލީހަށް ހުށަހަޅައި ފާސްކޮށް ތަންފީޒުކުރަން ފެށުން،" ޝައުނާ ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ސައިބާ ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހާއްސަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން ޝައުނާ ވިދާޅުވީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތުގައި ވެސް އިސްލާހުކުރަން ޖެހޭ އެތައްކަމެއް ހުރި ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށެވެ.