ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުކަން ކުރައްވާފައިވާ އަލީ ނަދީމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ދޭން ނިންމައިފިއެވެ.

މިއަދު 15:30ގައި ކްރިމިނަލް ކޯޓަށް އައްޔަނު ކުރާ ދެ ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބާއްވަން ވަނީ ނިންމައިފައެވެ.

ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އަލީ ނަދީމަކީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމުން، އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ. އޭނާ އަދީބުގެ ވަކީލުކަމުން އަމިއްލައަށް ދުރުވެފައިވަނީ 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އަލީ ނަދީމުގެ އިތުރުން ކުރީގެ ޕަބްލިކް ޕްރޮސެކިއުޓާ އިސްމާއީލް ޝަފީއު ވެސް ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް ހޮވާފައެވެ. އޭނާއަކީ ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ވަކީލެކެވެ.

ކްރިމިނަލް ކޯޓަށް ދެ ގާޒީއަކު ހޯދުމަށް އިއުލާން ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި ގާޒީ ކަމަށް ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލާފައިވެއެވެ. އަލީ ނަދީމާއި އިސްމާއިލް ޝަފީއުގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލީ ބޭފުޅުންނަކީ

  1. އާދަމް އާރިފް

  2. ރަފީއުއްދީން އަހުމަދު
  3. އިބްރާހިމް އިހުސާން
  4. އަހުމަދު ތައުފީގު
  5. އާމިނަތު އަޒްލިފާ
  6. ސުލައިމާން މުހައްމަދު
  7. މުހައްމަދު ސަމީރު

ގާޒީ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އާދަމް އާރިފަކީ ކުރިން ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީއެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ޖޭއެސްސީން އޭނާ ވަނީ ޑްރަގް ކޯޓަށް ބަދަލުކޮށްފައެވެ. ރަފީއުއްދީން މިހާރު ހުންނެވީ ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓަކަށެވެ. އަދި އިހްސާން ހުންނެވީ ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ. ސުލައިމާން ހުންނެވީ ހިންނަވަރު ކޯޓްގެ މެޖިސްޓްރޭޓަކަށެވެ. އަދި އަޒްލިފާއަކީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެކެވެ.

މީގެ އިތުރުން ސަމީރަކީ މީގެ ކުރިން ޕަބްލިކް ޕްރޮސިކިއުޓަރެކެވެ. އަދި ތައުފީގަކީ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރެކެވެ.

ދެ ގާޒީއަކު ހޯދަން އިއުލާން ކުރިއިރު އެ ކޯޓުގެ ކުރީގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްޗަށް ސްލޫކީ މައްސަލަ ސާބިތުވެ، މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދީފައެވެ.