އޮކްޓޫބަރު މަހުގެ އެކަކުން 16އަށް މާލޭގައި ކުރިއަށް ގެންދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ ދިނުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް އެފްއޭއެމްގެ މީޑިއާގެ ޑިރެކްޓަރު އަބްދުﷲ އަޒްމީން ވިދާޅުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އަޒްމީން ވިދާޅުވީ ގަލޮޅޮ ދަނޑަށް ސަޕޯޓަރުން ވައްދާނީ ވަކި އަދަދަކަށް ކަމަށެވެ. ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމުގައި އެފްއޭއެމްއިން އަންނަނީ އޭއެފްސީ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރަމުންނެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދަނޑަށް ސަޕޯޓަރުން ވައްދާނީ ގައި ދުރު ކުރުމަށް އިސްކަންދީގެންނެވެ. އަދި ޓިކެޓު ވިއްކުމުގައިވެސް ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ބެލެވެއެވެ.

ސާފް ޗެމްޕިއަންޝިޕަށް ދަނޑަށް ސަޕޯޓަރުން ވައްދާ ނަމަ ބޭނުން ކުރެވޭނީ ގަލޮޅު ދަނޑުގެ މަޖީދީމަގު ސިޑިބަރީގެ އިތުރުން ރަސްމީ ސިޑި (ގޮނޑި ބަރި) ބަރިއެވެ.

އަމިއްލަ ގައުމުގައި މުބާރާތް ބާއްވާ އިރު ސަޕޯޓަރުންގެ ދައުރު ބޮޑު ވާނެއެވެ. އެހެންކަމުން އެކަމުގެ ފައިދާ ނެގުމަށް ސަޕޯޓަރުން ވެއްދުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ސަޕޯޓަރުން ދަނޑަށް ވެއްދުމަށް އެޗްޕީއޭއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދާ ކަމަށެވެ.