02 Sep 2021, 15:37
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފިކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.
މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޖޯން ގްރިންޑަލް ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ވަކިކޮށްފައިކަމަށް ބުނެ ބައެއް ނޫސްތަކުން ވެސް ވަނީ ހަބަރު ފަތުރާފައެވެ.
ޕެންޝަން އޮފީހުގެ މެނޭޖާ އެންޑް ޕީއާރް އައިޝަތު ފަޒުނާ "ސަން" އަށް ވިދާޅުވީ އެ އޮފީހުގެ ސީއީއޯ މަގާމުން ވަކިކޮށްފައިވާ ކަމަށް ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ.
މީގެ އިތުރުން ޖޯން ގްރިންޑަލް ހުންނެވީ އަދި ވެސް ސީއީއޯގެ މަގާމުގައި ކަމަށާއި ސީއީއޯ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅިފައިނުވާ ކަމަށް އެ އޮފީހުން ބުނެއެވެ.
އިނގިރޭވިލާތުގެ ބޭފުޅެއް ކަމަށްވާ ޖޯން ގްރިންޑަލް ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މީގެ ކުރިން ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.