ސްޓޮކްހޯމް (ފެބްރުއަރީ 23) : އުތުރު ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވިޑްންގެ ރަސްގެފާނުގެ ދަރިކަނބަލުން އަމީރާ ވިކްޓޯރިޔާ އަންހެން ބޭފުޅަކާގެން ރައްކައުވެ ވަޑައިގެންފި އެވެ.

އަމީރާ ވިކްޓޯރިޔާއަކީ އެކަމަނާގެ ބައްޕަ ކާލް ގޮސްޓާފް އަށްފަހު ސްވިޑްންގެ ރަސްކަން ވާރުތަވާ ފަރާތެވެ. 2010 ވަނަ އަހަރު ވިކްޓޯރިޔާ ކައިވެނި ބައްލަވައިގަތީ އެގައުމުގެ މަހުޖަނެއްގެ ދަރިކަލެއް ކަމަށްވާ ޑެނިޔަލްއާ އެވެ.

މިދެކަނބަލުންނަށް އަންހެން ބޭފުޅަކު ލިބުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ޑެނިޔަލް ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ދުވަސްކަމުގަ އެވެ.

ވިކްޓޯރިޔާއަށްފަހު ސްވިޑްންގެ ރަނިކަން ވާރުތަވާނީ މިއަދު އޭނާ ރައްކައުވެ ވަޑައިގެންނެވި އަންހެން ދަރިފުޅަށެވެ. ސްވިޑްންގެ ޝާހީ އާއިލާއަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި މާ މަގުބޫލު އާއިލާއެއް ނޫނެވެ. ރަސްގެފާނު ކާލް ގޮސްޓާފްގެ މައްޗަށް ވަނީ ހިލޭ އަންހެނުންނާ ނަހަމަ ގުޅުންތައް ބާއްވަވާ އަދި ނައިޓް ކްލަބްތަކަށް ސިއްރިޔާތުގައި ވަޑައިގަންނަވާ ބޭފުޅެއް ކަމުގެ ތުހުމަތު ކުރެވިފަ އެވެ. އަދި ގަނޑުވަރުތެރޭގައި ގެންގުޅޭ ބާންދީ އަންހެން ކުދިންނާއެކު ވެސް ނަހަމަ ގުޅުންތައް ބާއްވަވާކަމުގެ އަޑުތައް ރަސްގެފާނު ކާލް ގޮސްޓާފްއާ ބެހޭ ގޮތުން ވަނީ އަރާފަ އެވެ.

ސްވިޑްންގެ ރަސްގެފާނާއި ޝާހީ އާއިލާ ދިރިއުޅުއް ވަނީ އާންމުންނާ ވަރަށް އެކަހެރި ގޮތެއްގަ އެވެ.

ޑިމޮކްރެޓިކް ބަރުލަމާނީ ނިޒާމެއް އޮންނަ ސްވިޑްންގައި ވެރިކަން ކުރައްވަނީ ބޮޑުވަޒީރެކެވެ. ރަސްގެފާނާއި ޝާހީ އާއިލާގެ މެންބަރުންނަކީ ވެރިކަމުގެ އެއްވެސް ބާރެއް ނެތް ހަމައެކަނި ރަމްޒީ ބައެކެވެ. ސްވިޑްންގެ މުސްތަގުބަލްގެ ރަނި ކަމަނާ ވިކްޓޯރިޔާ އަށް ލިބިވަޑައިގެންނެވި އަންހެން ދަރިފުޅުގެ ބަރު މިނަކީ 3.3 ކިލޯގްރާމެވެ. ސްޓޮކްހޯމްގެ ހޮސްޕިޓަލެއްގައި ރައްކައުވެ ވަޑައިގެންނެވި ވިކްޓޯރިޔާ އާއި ތުއްތު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ހަބަރު ލިބެ އެވެ. (ރޮއިޓާސް)