02 Sep 2021, 11:14
ރިޕަބްލިކް އޮފް އަޔަލެންޑް ކޮޅަށް ޖެހި ދެލަނޑާއެކު ގައުމީ ފުޓުބޯޅަ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.
އިރާންގެ ކުރީގެ ފޯވާޑް އަލީ ދާއި އަތުގައި ގިނަ ދުވަސަތަކެއް ވަންދެން އޮތް ރެކޯޑާ ރޮނާލްޑޯ ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އަރާ ހަމަކޮށްފައެވެ.
ރޮނާލްޑޯ ވަނީ ޔޫރޯ މުބާރާތުގައި ޖެހި ފަސް ލަނޑާއެކު އަލީ ދާއިގެ 109 ގޯލާ އަރާ ހަމަކޮށްފައެވެ.
މެޗަށްފަހު ވާހާކަ ދައްކަމުން ރޮނާލްޑޯ ބުނީ މިރެކޯޑް ހެދުމުން ވަރަށް އުފާވިކަމަށެވެ.
"މީއީ ވަރަށް ހާއްސަ ވަގުތެއް. މެޗުގެ އެންމެ ފަހު ވަގުތު ދެލަނޑު މިޖެހީ. ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރަން،" ރޮނާލްޑޯ ބުންޏެވެ.
ފީފާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލަނޑު ލިސްޓުގެ ރޮނާލްޑޯ އާ އަލީ ދާއިއަށް ފަހު ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ މެލޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ ތަރި މޮހާތިރު ދަހަރީއެވެ. އޭނާ ވަނީ 89 ލަނޑު ޖަހާފައެވެ. އަދި ހަންގޭރީގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ތަރި ފެރެން ޕުސްކާސް ވަނީ 84 ލަނޑު ޖަހާފައެވެ.
މެސީ އާ ރޮނާލްޑޯގެ ވާދަވެރިކަމުގައި ރޮނާލްޑޯއަށް އިތުރު ކާމިޔާބީއެއް ހޯދުނު އިރު މެސީއަށް ލަނޑު ލިސްޓުގައި ރޮނާލްޑޯ އާ އަރާ ހަމަކުރަން އުނދުގޫ ވާނެއެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ވަނީ 151 މެޗުން 76 ގޯލު ޖަހާފައެވެ. ދުނިޔޭގެ ލަނޑު ލިސްޓުގައި މެސީ ލައްވާލަނީ އަށް ވަނައިގައެވެ.