02 Sep 2021, 11:09
ޓޯޔާޑުގައި ހުރި ވެހިކަލްތަކަކުން ފުލުހުން ވައްކަންކުރާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފިއެވެ.
ޓޯކޮށްފައިވާ ވެހިކަލްތަކުން ފުލުހުން ވައްކަން ކުރާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ވެހިކަލްތަކުގެ ޑިކީ ހުޅުވަން ފުލުހުންތަކެއް މަސައްކަތް ކުރާ މަންޒަރެވެ.
މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ ގަވައިދާ ހިލާފަަށް ޕާކް ކުރުމުގެ ސަބަބުން ޓޯ ކުރެވޭ ވެހިކަލްތަކާ ހަވާލުވުމަށް، އުޅަނދުގެ ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދެވޭ ކަމަށެވެ. އަދި އެ މުއްދަތުގައި ވެރިފަރާތުން އުޅަނދާ ހަވާލުނުވެއްޖެނަމަ، އުޅަނދު ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދައުރުވަމުންދާ ވީޑިއޯ ނަގާފައިވަނީ ވެރިފަރާތުން ހަވާލުނުވެ ހުރި ބައެއް އުޅަނދު ނައްތާލުމުގެ ކުރިން ވެހިކަލް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.
އެއްގަމު ދަތުރުފަތުރު ގާނޫނުގެ ދަށުން އުފައްދާފައިވާ އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގައި ވާ ގޮތުން ޓޯކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން، އެ އުޅަނދަކާބެހޭ މައުލޫމާތު އާންމުކޮށް އިއުލާންނުކުރުމަށްފަހު، އަދި އެ އުޅަނދުގެ ވެރިފަރާތް ކަމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެސްކަމުގައި އެ އިދާރާއެއްގައި ރިކޯޑިކުރެވިފައިވާ އެޑްރެހަށް ރަޖިސްޓްރީ ޕޯސްޓުން އެކަން އެންގުމަށްފަހު، އެއުޅަނދުގެ ވެރިފަރާތުން ހަތް ދުވަހުގެ ތެރޭގައި އުޅަނދާ ހަވާލު ނުވެއްޖެނަމަ، އެއުޅަނދު ނައްތާލެވޭނެއެވެ.