މި މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ހާދިސާގައި ބައެއް ސިފައިންނާއި ފުލުހުން އެމަނިކުފާނަށް ކިޔަމަން ނުވީ ކުރިން ރާވައިގެން ކަން ދޭހަވާ ކަމަށް ސިފައިންގެ މީހަކާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނެފި އެވެ.

ރޮއިޓާސް ބުނީ ދަށް ރޭންކްތަކުގައި ތިބި ސިފައިންނާއި ބައެއް އޮފިސަރުންގެ އެހީއާ އެކު މިހާރުގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމު މި މަހުގެ ހަތް ވަނަ ދުވަހު ހެނދުނު އެމްއެންޑީއެފް ހެޑްކުއާޓާޒް އަށް ވެދެވަޑައިގެންނެވުމަށް ފަހު، އޭނާ އުފާ ފާޅުކުރެއްވީ ފުޓްބޯޅަ މެޗަކުން މޮޅުވެގެން އުފާ ފާޅުކުރާ ގޮތަށް ކަމަށާއި އެކަން އެހެންވީ ކުރިން ރާވައިގެން ކަމަށް އެހިސާބުން ގަބޫލުކުރެވުނު ކަމަށް ސިފައިންގެ ސާޖަންޓަކު ބުނި ކަމަށެވެ.

"ކްރައިސިސް އިން ޕެރަޑައިސް، އިން މޯލްޑިވްސް ނިއު ޑިމޮކްރަސީ" މިސުރުހީގެ ދަށުން ބްރައިސަން ހަލް ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ "ކުރިން ވާހަކަ ނުދައްކައި ތިބި އެތައް ބަޔަކާ އިންޓަވިއުކޮށްގެން ރޮއިޓާސް އިން ކުރި ތަހުގީގީ މަސައްކަތުން ފެނިފައި ވަނީ އޮޕޮޒިޝަނުން ފައިސާ ހަރަދުކުރުމާއި އަދި ސިޔާސީ ގޮތުން ހެދުނު ގޯސްތަކަކާއި ކުރީގެ ވެރިކަމަށް ވަފާތެރި ސިފައިންނާއި ފުލުހުންގެ ސަބަބުން، ފުރުސަތު ލިބިގެން ގެނައި އިންގިލާބެއް" ކަމަށެވެ.

ރޮއިޓާސްގެ ލިއުމުގައި ބުނެފައި ވަނީ ރާއްޖޭގައި ގެނައީ އިންގިލާބެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ދުވަހު ރާއްޖޭގައި ހުންނެވި ޔޫރަޕްގެ ގައުމެއްގެ އެމްބެސެޑަރަކު ވެސް ވިދާޅުވި ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަން ވެސް އެ ލިއުމުގައި ހާމަކޮށްފައެއް ނުވެ އެވެ.

"އެކަން ފެންނަނީ އިންގިލާބެއްގެ ގޮތުގައި، އެކަމުން ދުވަނީ އިންގިލާބެއްގެ ވަސް، ... " ޔޫރަޕްގެ އެމްބެސެޑަރު ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ.

ނަމަވެސް ރޮއިޓާސްގެ ލިއުމުގައި ބުނެފައި ވަނީ ސިފައިންނާއި ފުލުހުންގެ ބައެއް އޮފިސަރުންނަށް ފައިސާ ދިން ކަމަށް ދެކެވޭ ވާހަކައާ، އިންޓަވިއުކުރި ބައެއް މީހުން އެއްބަސް ނުވާ ކަމަށެވެ.

އަދި ބުނެފައި ވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު، ނަޝީދުގެ ވެރިކަން ވެއްޓުމުގެ ފެށުން އައިސްފައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި ހިސާބުން ކަމަށެވެ.

އަދި ރައީސް ނަޝީދުގެ ލިބަރަލް އިސްލާމީ ވިސްނުމާއި އިސްރާއީލާ އޮންނަ ގުޅުމަކީ ވެސް ނަޝީދުގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކަށް ލިބުނު ފުރުސަތެއް ކަމަށް ވެސް ލިއުމުގައިވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ އިންގިލާބަކުން ކަމަށް ރޮއިޓާސް އިން މިއަދު ބުނި ނަމަވެސް އޭރު ރާއްޖޭގައި ތިބި ރޮއިޓާސްގެ ކަރެސްޕޮންޑެންޓުންނާ ހަވާލާދީ މި މަހުގެ ހަތް ވަނަ ދުވަހު އެ އެޖެންސީން ވެސް ބުނެފައި ވަނީ އާއްމުންނާއި ފުލުހުންގެ ދެކޮޅު ހެދުންތަކަށް ފަހު، ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވީ ކަމަށެވެ.