02 Sep 2021, 10:33
އަފްޣާނިސްތާނުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިންނާއި އެ ދެމަފިރިންގެ ހަތަރު ދަރިން ޖަލުން މިނިވަން ވެއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއިން "ސަން"އާ ވާހަކަ ދައްކަމުން ބުނީ އެމީހުން މިނިވަން ވީ ތާލިބާންގެ ކޯޓަކުން އެމީހުންގެ މައްސަލަ ބެލުމަށްފަހު އެމީހުންނަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމުން ކަމަށެވެ.
"އެމީހުން ރާއްޖެ ގެންނަން ސަރުކާރަށް ސިޓީއެއް ހުށަހަޅައިގެން ގެނެވޭތޯ މި މަސައްކަތް ކުރަނީ،" އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
މީގެ އިތުރުން، މިހާރު އަފްޣާނިސްތާނު އޮތް ހާލަތުގެ ސަބަބުން އެމީހުން ރާއްޖެ ގެނައުމުގައި ދަތިތަކެއް ހުރިކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.
އަފްޣާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެ ދެމަފިރިންގެ ހަތަރު ކުދިންނެވެ.
މީގެ ކުރިން ފުލުހުން ބުނި ގޮތުގައި ޝާފިއު އާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނަށް ދިޔައީ 23 ޖޫން 2018ގައި ފުރަތަމަ ސްރީލަންކާއަށް ގޮސް، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލަންކާ އިން ޕާކިސްތާނަށް ދިޔުމަށް ފަހުއެވެ.
އޭގެ ފަހުން ނޮވެމްބަރު 11، 2018 ގައި ޝާފިއު، އޭނާގެ އަނބިދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނެވެ. އަދި ފެބްރުއަރީ 2019ގައި ދިވެހި ފުލުހުންގެ ޓީމެއް އަފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެގައުމަށް ދިޔައެވެ.
އެ މައްސަލައިގައި ޝާފިއުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އޭނާ 21 އަހަރަށް ޖަލަށް ލާން އަފްޣާން ކޯޓަކުން ހުކުމް ކުރިއެވެ. އަދި އޭނާގެ އަންހެނުންވެސް 20 އަހަރަށް ޖަލަށް ލާން އޭރު ހުކުމް ކުރި ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.