23 Feb 2012, 16:57
އަންނަ މަހު އަވައްޓެރު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕުގެ ބައެއް މެޗުތައް ފްލަޑްލައިޓްތަކުގެ އަލީގައި ކުޅެވޭނެ ކަމަށް އޯލް ނޭޕާލް ފުޓްބޯޅަ ފެޑަރޭޝަން (އޭއެންއެފްއޭ)ގެ ރައީސް ގަނޭޝް ތާޕާ ބުނެފި އެވެ.
އަންނަ މަހު 8 ން 19 އަށް ކުރިއަށްދާ ޗެލެންޖް ކަޕްގެ މެޗުތައް ކުރިއަށް ދާނީ ނޭޕާލްގެ ދަރްޝަރަތް ސްޓޭޑިއަމްގަ އެވެ. މި ސްޓޭޑިއަމްގެ ފްލަޑްލައިޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެ މަސައްކަތް މިމަހު 29 ގައި ނިމޭނެ ކަމަށް ތާޕާ ބުނެފައިވެ އެވެ.
"ދަރްޝަރަތް ސްޓޭޑިއަމްގައި ހުރި ފްލަޑްލައިޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށިގެން ވަރަށް ބާރަށް އެބަ ކުރިއަށްދޭ. މި މަސައްކަތް ފެބްރުއަރީ 29 ގައި ނިމިގެންދާނެ. އެހެންކަމުން މުބާރާތުގެ ބައެއް މެޗުތައް ކުރިއަށްދާނީ ފްލަޑްލައިޓްތަކުގެ އަލީގައި. ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ އަހަރެމެންގެ ޕްލޭނާއި އެއްގޮތަށް." ތާޕާ ބުންޏެވެ.
ފްލަޑްލައިޓްތަކުގެ މަރާމާތުގެ މަސައްކަތް ކުރަމުން ދަނީ ޗައިނާގެ ޓެކްނިކަލް ޓީމަކުންނެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ސަރުކާރުގެ އެހީއާ އެކު ކަން ތާޕާ ވެސް ޔަގީންކޮށްދީފައިވެ އެވެ. އަދި ފްލަޑްލައިޓްތައް މަރާމާތު ކުރުމަށް 60 މިލިޔަން ރުޕީސް ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
އޭއެފްސީ ޗެލްންޖް ކަޕްގައި ވާދަކުރާ އަށް ޓީމު ދެގްރޫޕަކަށް ބަހާލެވާ އިރު، ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ. އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިއާ އާއި، ނޯތް ކޮރެއާ އާއި، ޕިލިޕީންސް އަދި ތަޖިކިސްތާން އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ތުރްކުމެނިސްތާނާ ދެކޮޅަށެވެ.